އިދިކޮޅު މެންބަރުންގެ އަޑުގަދަކުރުމާއި އިހްތިޖާޖުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ.
ހެނދުނު 9:00 ގައި ބޭއްވި މިޖަލްސާބޭއްވުމަށް ރިޔާސަތަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުޙައްމަދު ވަޑައިގަތުމާއެކު އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންވަނީ ޖަލްސާ ނޫބޭއްވޭނެކަމަށް އަޑު އުފުލައި ޖަލްސާއަށް ހުރަސް އެޅުމަށް މަސައްކަތްކޮސްފައެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުޙައްމަދުވަނީ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާފައިވާ ހުރިހާކަމެއް ނިންމަވާފައެވެ. އެގޮތުން، ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރެއްގެ ގޮތުގައި ހުންނެވި މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް "ޕީ.ޕީ.އެމް"ގެ މެންބަރަކަށް ވެވަޑައިގަތުމާ ގުޅިގެން އެކަން މަޖިލީހުގެ ރިޔާސަތުންވަނީ އިއުލާންކޮށްފައެވެ. އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް "އެމް.ޑީ.އޭ" ގެ މެންބަރުކަމުން ވަކިވެވަޑައިގަތުމާ ގުޅިގެން އެކަންވެސް ރިޔާސަތުން ޢިއުލާން ކުރެއްވިއެވެ.
މިހާރު މަޖިލީހުގައި މެންބަރުން ހިމެނެނީ، ވެރިކަން ކުރާ ޕީ.ޕީ.އެމްގައި 43 މެންބަރުން، އިދުކޮޅު އެމް.ޑީ.ޕީގައި 21 މެންބަރުން، ޖުމްހޫރީ ޕާޓީގެ ހަތް މެންބަރުންނާއި، އެމް.ޑީ.އޭގެ ފަސް މެންބަރުން. އަދާލަތު ޕާޓީ މަޖިލީހުގައި ތަމްސީލުކުރައްވަނީ އެންމެ މެންބަރެއް. އަދި މިނިވަން މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވީ 2 މެންބަރުންނެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައިވާ ކަންކަން ނިމުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވީ މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން ޢިއުލާން ކުރައްވާފައެވެ.