ޚަބަރު

ރައީސްގެ ވާހަކަފުޅުން ކުޑަކުދިންނަށް އުންމީދު!


ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރި އެންމެ ބޮޑު ޕާކް" ރަސްރަނި ބަގީޗާ" ހުޅުވުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅަކީ އެމަނިކުފާނު ދެއްވި އެންމެ ތަފާތު އަދި އެންމެ ކުރު ތަޤްރީރެވެ. 

އެމަނިކުފާނުގެ ވާހަކަފުޅުން ވަނީ ކުޑަކުދިންނަށް ހިނިތުންވުމާއި އުއްމީދުތަކެއް ގެނުވާފައެވެ. 

ރަސްރަނި ބަގީޗާއަކީ ތަފާތު އެކި ބައިތަކާއި ވަޞީލަތްތަށް ހިމަނައިގެން ތަރައްޤީކުރި ރާއްޖޭގެ އެންމެ ބޮޑު ބަގީޗާއެވެ. މި ބަގީޗާގައި ކުޑަކުދިންނަށް ޚާއްޞަ ޙަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެފަދަ އިންތިޒާމްތައް ހަމަޖެހިފައިވުމުގެ އިތުރުން، މި ބަގީޗާއަކީ އެކި ޢުމުރުފުރާތަކަށް ވެސް ހިތްހަމަޖެހޭ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރެވޭނެގޮތަށް ތައްޔާރުކުރެވިފައިވާ ހިތްފަސޭހަ މައިދާނެކެވެ. 

މި ބަގީޗާ ހުޅުއްވާދެއްވާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަކީ ވަރަށް ކުރު އަދި ކުޑަކުދިން ހެއްވާލި ވާހަކަފުޅެކެވެ. ރައީސް ޔާމީނަކީ ދިގު ތަޤްރީރުތައް ދެއްވާ ބޭފުޅެއްނަމަވެސް މިފަހަރު ރައީސްގެ ތަޤްރީރް ތަފާތެވެ. އެމަނިކުފާނުގެ މުޅި ވާހަކަފުޅު ބިނާކުރެއްވީ ކުޑަކުދިންނާ ގުޅުންހުރި އެކުދިންނަށް ހިނިތުންވުން ގެނުވާނެ އުއްމީދީ ވާހަކަތަކުގެ މައްޗަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ބަގީޗާއަކީ ހުރިހާ ދިވެހިންގެ ތަނެއްކަމާށާއި، މިފަދަ ބަގީޗާއެއް ހެދުމުގެ ބޭނުމަކީ، ކުޑަކުދިންނަށް ފަންނީ މަސައްކަތްކުރެވޭ، ތަޢުލީމީ ތަޖުރިބާ ލިބޭފަދަ ތަނެއް ޤާއިމުކުރުން ކަމަށެވެ. އަދި މި ޕާކަކީ ސަރުކާރުން ކުޑަކުދިންނަށް ދެއްވި ހަދިޔާއެއްކަމަށް ވިދާޅުވެ ރައީސް ވަނީ އެ ސަރަޙާއްދުގެ ތާރީޚާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ކުޑަކުދިންނަށް ފަހުމްވާނެ ގޮތަށް ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން އެތަނަކީ ރާއްޖޭގައި އަށްސަތޭކަ އަހަރުވަންދެން ރަސްކަލުންނާއި ރަނިން، ވެރިކަން ކުރެއްވި ތަނެއްކަމަށް ވިދާޅުވެ ވަރަށް ފަސޭހަ ސާދާކޮށް ކުޑަކުދިންނަށް ވިދާޅުވެދެއްވިއެވެ. 

މި ބަގީޗާގައި ތަރައްޤީކުރާ ވިންޓަރ ކޯނާއިން ރާއްޖޭގައި ފިނި މޫސުން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެކަމުގެ އުފާވެރި ޚަބަރު ކުޑަކުދިންނަށް ދެއްވިއެވެ. ވިންޓަރ ކޯނަރ ހުޅުވުމަށް ނިންމާފައިވަނީ ޑިސެމްބަރ މަހުގެ ތެރޭގައެވެ. ރައީސް ވިދާޅުވީ މިތަނުން ފިނިމޫސުމަކީ ކޮބައިކަން ކުޑަކުދިންނަށް އެނގިގެންދާނެކަމަށެވެ. 

ރައީސް ޔާމީންގެ ދެކަނބަލުން ވަނީ ޕާކަށް ޒިޔާރަތްކުރި ގިނަ ޢަދަދެއްގެ ތުއްތު ކުދިންނާ ބައްދަލުކޮށް އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ. އަދި ޕާކް ތެރޭގައި ކުޑަކުދިންނާއެކު ބައެއް ހަރަކާތްތަކުގައި ބައިވެރިވެ އެކުދިންގެ ހުށައެޅުންތައް ބައްލަވާލައްވާފައެވެ.