ޚަބަރު

ދައުލަތުން ބަލަހައްޓާ މީހުންގެ ބެލެނިވެރިނާމެދު ފިޔަވަޅު އަޅަނީ!


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި މީހުންގެ ބެލެނިވެރިންގެ ތެރޭގައި ހިމެނޭ، ދައުލަތުގެ މުވައްޒަފުންނާއި ސަރުކާރުގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިކަން ހާމަކޮށްފައެވެ.

"ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ތިބޭ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންގެ ތެރޭގައި ހިމެނޭ، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން، މަރުކަޒުން ދޫކޮށްލުމުން ޢާއިލާތަކުން ޙަވާލުވެފައިނުވާ މީހުންގެ ދަރިންނާއި ބެލެނިވެރިންގެ ތެރެއިން، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމަވައި، މިކަން ތަންފީޛުކުރާނޭ ގޮތުގެ އުޞޫލާއެކު، މިކަން ތަންފީޛުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އަށާއި މިނިސްޓްރީ އޮފް ހެލްތަށް މިއަދުވަނީ އަންގަވާފައެވެ." ރައީސް އޮފީހުން ހާމަކޮށްފައެވެ.

މިކަން ތަންފީޛުކުރާނޭ ގޮތުގެ އުޞޫލާއެކު، މިކަން ތަންފީޛުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އަށާއި މިނިސްޓްރީ އޮފް ހެލްތަށް މިއަދުވަނީ އަންގާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ފޮނުވާފައިވާ އުޞޫލުގައިވާ ގޮތުން، މިފަދަ ފަރާތްތަކުގެ މައްސަލަތައް ބަލަންވާނީ ކޮންމެ މައްސަލައަކީ ވަކި މައްސަލައެއްގެ ގޮތުގައި ކަމަށާއި، މިފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އެ ފަރާތް ވަޒީފާ އަދާކުރާ މުއައްސަސާއާ މަޝްވަރާކުރަންވާނެކަމުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން މި އުޞޫލުގެ ދަށުން އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި، ކަނޑައެޅޭ ވަކި ޢަދަދެއް، އެ މުވައްޒަފެއްގެ މުސާރައިން އުނިކުރުމާއި، މުސާރައިން އުނިކުރުމަށް ޢުޒުރުވެރި ވެއްޖެނަމަ، ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު، އެމީހަކު ވަޒީފާއިން ވަކިކުރުމުގެ މަސައްކަތްކުރިޔަށް ގެންދިޔުމަށްވެސް ކަނޑައަޅުއްވާފައިވެއެވެ.

މީގެ އިތުރުން، މިފަދަ ފަރާތްތަކުގެ މުސާރައިން އުނިކުރެވޭ ޢަދަދު، ހިޔާގައި/ފިޔަވަތީގައި ހުރި ނުވަތަ ގުރައިދޫ މަރުކަޒުގައި ހުރި އެމީހަކަށް ނިސްބަތްވާ ކުއްޖެއް ނުވަތަ މީހެއްގެ ނަމުގައި ރައްކާކުރެވެންވާނޭ ކަމަށާއި، އަދި ކުޑަކުއްޖެއްނަމަ، އެކުއްޖެއްގެ ޢުމުރުން 18 އަހަރު ވުމުގެ ކުރިން، އެފައިސާ ބޭނުންނުކުރެވޭނޭ ކަމަށާއި، އަދި ބޮޑު މީހެއްނަމަ، އެމީހަކަށް ނޫންގޮތަކަށް އެ ފައިސާ ބޭނުންނުކުރެވޭނޭ ކަމުގައި ކަނޑައަޅުއްވާފައިވެއެވެ.

ވަކިވަކިން އެކުލަވާލެވިފައިވާ މި ދެ އުޞޫލުގެ ތެރެއިން ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ތިބޭ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ފިޔަވަޅު އެޅުމާބެހޭ އުޞޫލު އެކުލަވާލެވިފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 91/9 ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުގެ ޗެޕްޓަރ 1 ގެ ދަށުންނެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންގެ ދަރިންނާއި ބެލެނިވެރިންނަށް ފިޔަވަޅު އެޅުމާބެހޭ އުޞޫލު އެކުލަވާލެވިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2000/4 ޢާއިލާއާބެހޭ ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުންނެވެ.

މި އުޞޫލުގައިވާ ގޮތުން، މި އުޞޫލަށް ޢަމަލުކުރުމަށް އެދޭ ވަޒީފާދޭ އަމިއްލަ ފަރާތްތަކަށްވެސް ވަނީ އެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.

މިފަދަ އުޞޫލެއްގެ ހަމަޖެއްސެވުމުގެ ބޭނުމަކީ، މި މުއައްސަސާތަކަށް ކުދިންނާއި މައިންބަފައިން އަދި ދުވަސްވީ މީހުން ބައިތިއްބައިގެން ތިބޭ މީހުން ޒިންމާދާރު ކުރުވުމެވެ.