ކުޅިވަރު

ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޔޫތް ހޯދައިފި


ތިންވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ ޗެންޕިއަންކަން ޔޫތް ސްޕޯޓްސް ކުލަބް ހޯދައިފިއެވެ. 

ޔޫތް މުބާރާތުގެ ޗެންޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށްފަހު ދިވެހި ސިފައިންގެ ކުލަބްއާއި ވާދަކޮށް 29 ޕޮއިންޓް 27 ޕޮއިންޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ދެވަނަ ހާފް ނިމެންދަނިކޮށް ވާރޭ ވެހުމުގެ ސަބަބުން މެޗު ވަނީ ކުޑަވަގުތުކޮޅަކަށް މެދުކަނޑާލާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިރު، ދެ ޓީމުންވެސް ވަނީ 24 ޕޮއިންޓް ސްކޯ ކޮށްފައެވެ. ނަތީޖާ ނެރުމަށްޓަކައި ކުޅުނު 5 މިނެޓްގެ ދެ ހާފްގައިވެސް ކުރި ހޯދީ ޔޫތް ސްޕޯޓްސް ކުލަބުންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފް ނިމުނުއިރު، 27 ޕޮއިންޓް 25 ޕޮއިންޓުން ލީޑް ކުރަމުންދިޔައީ ޔޫތް ސްޕޯޓްސް ކުލަބެވެ. އަދި އިތުރު ވަގުތުގެ ދެވަނަ ހާފް ނިމުނުއިރު 29 ޕޮއިންޓް 27 ޕޮއިންޓުން ލީޑްނަގާ މުބާރާތުގެ ޗެންޕިއަންކަން ޔޫތް ސްޕޯޓްސް ކުލަބުން ހޯދިއެވެ. 

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ ޔޫތް ސްޕޯޓްސް ކުލަބްގެ އަހުމަދު ސައިފް ނަޢީމްއެވެ. މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަކީ ދިވެހި ސިފައިންގެ ކުލަބްގެ އަހުމަދު ރަޒުނީ، އަހުމަދު ނަސީރު، މުހައްމަދު މަހުދީ، ޔޫތް ސްޕޯޓްސް ކުލަބްގެ އަބްދުﷲ ޒިޔާޢު، އަހުމަދު އިނާޝް، އަހުމަދު ސައިފް ނަޢީމް އަދި އަލި ފަޒްލީއެވެ.