ވިޔަފާރި

ބާޒާރުގައި ބަނބުކެޔޮ ތިޔާގިވެއްޖެ


ބާޒާރުގައި ބަނބުކެޔޮ ތިޔާގިވެ، ބަނބުކޭލުގެ އަގު ނިސްބަތުން ދަށަށް ހިނގައްޖެއެވެ. ހުސްވި ހަފްތާގައި ތިރީސް ފަސް ރުފިޔާއާއި ސާޅީސް ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ބަނބުކެޔޮ ވިއްކިނަމަވެސް، މިހާރު ދަތުރުވެރިންގެ މާރުކޭޓުގައި ފަނަރަ ރުފިޔާއާ ވިހި ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ބަނބުކެޔޮ ލިބެން އެބަހުއްޓެވެ.

ރާއްޖެއަށް ބަނބުކޭލުގެ މޫސުން އައިސްފައިވާއިރު، ބާޒާރަށް ރާއްޖޭގެ އެކި ހިސާބުތަކުން ބަނބުކެޔޮ ދަނީ ގެންނަމުންނެވެ. ދަތުރުވެރިންގެ މާރުކޭޓުގެ ވިޔަފާރިވެރިން ބުގޮތުން ޢާއްމުކޮށް އެންމެ ގިނައިން ބަނބުކެޔޮ ގެންނަނީ ށ.އަތޮޅުންނެވެ. އެއަތޮޅު ފޯކައިދުއާއި، ފޭދޫން ގިނަ އަދަދަކަށް ބަނބުކެޔޮ ބާޒާރަށް ގެނެއެވެ. އަދި ފ.ނިލަންދުއާއި، ހއ. ބާރަށާއި އއ. ތޮއްޑޫންވެސް ދަތުރުވެރިންގެ މާރުކޭޓަށް ބަނބުކެޔޮ ގެންނަކަމަށް އެތަނުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

އަދި ދަތުރުވެރިންގެ މާރުކޭޓުން ކުރިއަށް އޮތް ހަތަރުމަސްދުވަހު ހުސްނުވެ ބަބޮކެޔޮ ލިބެން ހުންނާނެ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ބަނބުކެޔޮ ތިޔާގި މިންވަރަށް މިހާރު ބަނބުކޭލެއް އަތޮޅުތަކުގައެއް ނުހުރޭ. އެހެންކަމުން ބަނބުކޭލުގެ އަގު ފަހުގެ އަހަރުތަކުގައި ވަނީ މަތިވެފައެވެ. އަދި ތެލުލި ބަނބުކެޔޮ ފަދަ އުފެއްދުންތައް ބާޒާރުގައި އަގުމަތިވެފައިވުމާއެކު ރޯބަނބުކެޔޮ ބާޒާރަށް ގެނައުން މަދުވެފައިވާކަންވެސް ފާހަގަކުރެވެއެވެ.

ގިނަބަޔަކު ކޮންމެ ދުވަހަކުހެން ގަންނަ ބާވަތްތައް ކަމަށްވާ ދިވެހި ގިތެޔޮ މިރުސް ކިލޯއެއްގެ އަގު ބާޒާރުގައި މިހާރު ހުރީ ދުއިސައްތަ ފަންސާސް ރުފިޔާއަށެވެ. އަދި ގިތެޔޮ މިރުސް ސަތޭކަ ގުރާމް މިހާރު ލިބެން ހުރީ ތިރީސް ރުފިޔާއަށެވެ.

ކޮޕީ ފަތް ބާޒާރުގައި ވަނީ ތަންކޮޅެއް ތިޔާގިވެފައެވެ. ހަތަރު ފަތުގެ ކޮޕީފަތް ބޮނޑިއެއް ދިހަ ރުފިޔާއަށް މިހާރު ލިބެން އެބަހުއްޓެވެ.