ޚަބަރު

މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފި


ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

މާދަމާ ބެއްވުމަށް އެޖެންޑާ ކޮށްފައިވާ ޖަލްސާއަށް 3 ކަމެއް ވަނީ އެޖެންޑާކޮށްފައެވެ. އެއީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ ސަފީރަކަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މުހައްމަދު ޙުސެއިން ޝަރީފާއި، އެމް.އެމް.އޭގެ ގަވަރުނަރުގެ މަޤާމަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ކ. މާފުށީ މުސްތަރީގޭ އަޙްމަދު ނަޞީރު އެމަޤާމަށް އައްޔަން ކުރުމާގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށް ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ. މީގެ އިތުރުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގައި ރާއްޖެއިން ބައިވެރިވާ ގުޅޭގޮތުން ގޮތެއް ނިންމުމަށް މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަވެސް މާދަމާ އޮންނަ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކެނޑިފައިވަނީ ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއަޅާތީކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވަނީ ތުހުމަތުކުރައްވާފައެވެ. މަޖިލީހުގެ ޖަލްސާއެއް މާދަމާ ތާވަލްކޮށްފައިވާއިރު އިދިކޮޅު ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހު ވަނީ ދައުލަތުގެ ބަންޑާރަނާއިބުގެ އިތުބާރުނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.