ޚަބަރު

މަސައްކަތާ ގުޅޭގޮތަށް ކަސްޓަމްސްގެ ޔުނިފޯމަށް ބަދަލުތަކެއް..


މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޔުނީފޯމަށް ބަދަލުގެނެސް މަސައްކަތްތަކާގުޅޭ ގޮތަށް ޔުނީފޯމްތައް ބަދަކޮށްފިއެވެ. ކަސްޓަމްސްގެ ޔުނީފޯމްތަކަށް ގެނައި ބަދަލު ދައްކާލައި އެ ބަދަލަށް ޢަމަލުކުރަން ފެށީ ކަސްޓަމްސްގެ ޚިދުމަތަށް ސަތޭކަ ހަތާވީސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޚާއްޞަ ޖަލްސާގައެވެ. 

މި ޔުނީފޯމްތައް ރަސްމީގޮތުން ތަޢާރުފްކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުއެވެ. ކަސްޓަމްސްއިން ވަނީ ތަފާތު ފަސް ޔުނީފޯމެއް ތަޢާރަފްކޮށްފައި. އެއީ އޮފިސިއަލް ޔުނީފޯމް، އޮޕަރޭސަނަލް ޔުނީފޯމް، ސެރެމޯނިއަލް ޔުނީފޯމް، ސަޕޯޓް ސަރވިސް ޔުނީފޯމް އަދި އެކްޓިވިޓީ ޔުނީފޯމެވެ. 

img:http://s2.psmnews.mv/images/660x400/15033097808012.jpg|ކަސްޓަމްސްގެ އައު ޔުނިފޯމް / ޔުނިފޯމާ ބަދަލު ގެނައީ މަސައްކަތާ ގުޅޭގޮތުން

އޮފިޝަލް ޔުނީފޯމް ބޭނުންކުރާނީ އިދާރީ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ މުވައްޒަފުންނެވެ. ކަސްޓަމްސްގެ ޔުނީފޯމްގެ ކުލަ ކަމުގައިވާ ހުދާއި ކަޅު ކުލައަށް ބަދަލެއް ނުގެނެސް އޮފިޝަލް ޔުނީފޯމްގެ ޑިޒައިން ވަނީ ޒަމާނާ އެއްގޮތަށް ބަދަލުގެނެސްފައެވެ. 

އޮޕަރޭޝަނަލް ޔުނީފޯމް ބޭނުންކުރާނީ ކަނޑުމަތީގައި ދުއްވާ އުޅަނދުފަހަރުގައި ޙަރަކާތްތެރިވާ އޮފިޝަލުންނާއި، އެކި އޮޕަރޭޝަންތަކުގަޔާއި، މުދާ ދޫކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އޮފިޝަލުންނެވެ. 

އަލަށް ތައާރަފްކުރި ކަސްޓަމްސްގެ ސެރެމޯނިއަލް ޔުނީފޯމް ބޭނުންކުރާނީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވޭ ޙާއްޞަ ޖަލްސާތަކުގައެވެ.