ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކުގައި ކަސްޓަމްސްގެ ހިއްސާ ބޮޑު


މޯލްޑިވްސް ކަސްޓަމް ސާރވިސް އަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް މުއައްސަސާއެވެ. ކަސްޓަމް ސަރވިސްއަށް ސަތޭކަ ހަތާވީސް އަހަރުފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދުއެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވަނީ ކަސްޓަމްސް ސަރވިސްއަށް އައިސްފައިވާ ކުރިއެރުންތަކަށް ތަފްސީލްކޮށް ބައްލަވާލައްވާފައެވެ. ހޯމް މިނިސްޓަރގެ ވާހަކަފުޅުގައި ކަސްޓަމް ސަރވިސްއަކީ ރާއްޖޭގެ ތާރީޚްގައި އެންމެ ގިނަ ދުވަސްވީ މުއައްސަސާކަން ފާހަގަކުރައްވާ، ކަސްޓަމްސް މިއަދާހަމައަށް ދެމިއޮތުން ގުޅިފައިވަނީ ޤައުމުގެ ކުރިއެރުމާ ތަރައްޤީއާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ކަސްޓަމްސްއިން ކުރާ މަސައްކަތް ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރު މޯލްޑިވްސް ކަސްޓަމް ސާރވިސް މެދުވެރިކޮށް ފަންސާސް ހަތް ކިލޯގެ މަސްތުވާތަކެތި އަތުލާފައިވާއިރު މިއަހަރުގެ މިހާތަނަށް ސައްބީސް ކިލޯގެ މަސްތުވާތަކެތި އަތުލުމަކީ، ޤައުމު ސުލްހަވެރި މުޖުތަމަޢަކަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ. 

ހޯމް މިނިސްޓަރގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އިޤްތިޞާދީ އެޖެންޑާ ކާމިޔާބުކަމާއެކު ތަންފީޒް ވަނީ އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭތީކަން ފާހަގަކުރައްވާ އެ މަސައްކަތުގައި އެންމެ ކުރީގައި ޚިދުމަތްކޮށްދެނީ ކަސްޓަމްސް ކަމަށް ވިދާޅުވިއެވެ. އެގޮތުން ކަސްޓަމްސް މެދުވެރިކޮށް ދީފައިވާ ޚިދުމަތްތަކުން ދައުލަތަށް ނުވަ ބިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ލިބިފައިވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދަށް އާމްދަނީ އިތުރުކުރުމަށް ގިނަ މުއައްސަސާތަކުން މަސައްކަތްތަކެއް ކުރާއިރު ކަސްޓަމްސް ޚިދުމަތަކީ އިޤްތިޞާދީގޮތުން ކުރިއަށްދާ ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް މިހާރު އަށްހާސް ޑޮލަރަށްވުރެ މައްޗަށް އަރާފައިވުމުގައި ކަސްޓަމްސްގެ މަސައްކަތް ހިމެނޭކަމަށް ވިދާޅުވިއެވެ. ކަސްޓަމްސް އަކީ އިޤްތިޞާދީ ހަމަޖެހުމަށް އެހެން މުއައްސަސާތަކަށް ނަމޫނާ މުއައްސަސާއެއްކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ހިންގޭ ޢުމްރާނީ ބިޔަ މަޝްރޫޢުތައް ކާމިޔާބު ކަމާއެކު ކުރިއަށްދަނީ މި ސަރުކާރުން ކަސްޓަމްސްގެ ޚިދުމަތަށް ގެންނެވި ހެޔޮ ބަދަލާއި ތަރައްޤީގެ ސަބަބުންކަމަށެވެ. އިޤްތިޞާދީ ގޮތުން ރާއްޖެ މިހާތަނަށް ނުދެކޭފަދަ ކުރިއެރުމެއް ގެނައުމުގައި ކަސްޓަމްސްގެ ހިއްސާ ބޮޑުކަން ފާހަގަކުރެއްވިއެވެ. ޤައުމުގެ ފުދުންތެރިކަން އިތުރުވެ ބޮޑެތި މަޝްރޫޢުތައް ހުޅުވިފައިވަނީ ކަސްޓަމްސްގެ ނަޒާހަތްތެރިކަމުންކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ކަސްޓަމްސްގެ ސިޔާސަތު ހަރުދަނާކުރައްވާ ވިޔަފާރިއަށް ފަހި އަދި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ޚިދުމަތަކަށް ހައްދަވާފައިވާކަމަށެވެ. 

ރާއްޖޭގެ އިޖްތިމާޢީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އިޤްތިޞާދީ އެޖެންޑާ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެންމެ އިސްދައުރެއް އަދާކުރާ އެއް މުއައްސަސާއަކީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވިއެވެ.