ޚަބަރު

ސައުތުއެންޑް ފްލޯޓްގެ ރާއްޖޭގެ ފުޅަނދަށް ބޮޑު ތަރުހީބެއް


އިނގިރޭސިވިލާތުގެ ސައުތުއެންޑްގައި ބާއްވާ "ސައުތްއެންޑް ފްލޯޓް" ކާނިވަލުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ސަޤާފަތް ދައްކައިދިނުމަށް ބައިވެރިކުރި ފުޅަނދަށް ބޮޑު ތަރުހީބެއްލިބި ޚާއްސަ ދެ އެވޯޑެއް ލިބިއްޖެއެވެ.

ލަންޑަންގެ މެދުތެރޭގައި އޮންނަ ސައުތު އެންޑް އޮންދަ ސީ ސަރަހައްދަށް 125 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން ބޭއްވި މި ކާނިވަލުގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ލިބުނު ފުރުސަތުގައި، ރާއްޖޭގެ ފަތުރުވެރިކަމާއި ސަގާފަތް ދައްކުވައިދިނުމަށް ހުށައަޅައިދީފައިވަނީ، ރިޒޯޓެއްގެ ގޮނޑުދޮށް ސިފަވާ ފުޅަނދެކެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރ ހަސަން ޝިފާޢު ވިދާޅުވީ، ލައްކައަކަށްވުރެ ގިނަ މީހުން ބަލާލަން ދިޔަ މިކާނިވަލުގައި ބައިވެރިކުރި ރާއްޖޭގެ ފުޅަނދަށް ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ. އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓަކަށް ވުމާއެކު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މިހަރަކާތުގެ ސަބަބުން ސައުތު އެންޑް ކާނިވަލަށް ދިޔަ މީހުންގެ މެދުގައި ރާއްޖެ އިތުރަށް އިޝްތިހާރުވެގެން ދިޔަކަން ޝިފާޢު ފާހަގަކުރެއްވިއެވެ. އެނާ ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތައް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ. 

img:http://s1.psmnews.mv/images/660x400/15032483508854.jpg|ސައުތުއެންޑް ކާނިވަލުގައި ހަރަކާތްތަކުގައި ބައިވެރިވި ދިވެހިންތަކެއް / ފޮޓޯ: ފޮރިން މިނިސްޓްރީ

އިނގިރޭސި ވިލާތުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހި އާއިލާތަކުން ފުޅަނދު ތައްޔާރުކުރުމުގައި އެހީތެރިވެދީ މިކަމަށް ތަރުހީބުދިންކަމަށާއި، ފުޅަނދު ސްޕޮންސަރކުރީ ރާއްޖޭގެ ދެ ރިޒޯޓެއްކަމަށްވާ، ކިހާ މޯލްޑިވްސް އާއި ކޮކޯ ކަލެކްޝަނުންކަމަށް ޝިފާޢު ވިދާޅުވިއެވެ.

ރާއްޖޭގެ ސަޤާފަތް އިނގިރޭސިވިލާތުގައި ޕްރޮމޯޓް ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް އޮތްތަނުގައިވެސް ހިންގުމަށް ހަމަޖެހިފައިވާކަމަށާއި، އެގޮތުން ރާއްޖޭގެ ކެއުމުގެ ބާވަތްތައް ދައްކާލުމަށް އިނގިރޭސިވިލާތުގައި ބާއްވާ މައުރަޒެއްގައި ބައިވެރިވުމަށް ނިންމާފައިވާކަމަށް ލަންޑަންގައި ހުންނަ ރާއްޖޭގެ އެންމްބަސީން މައުލޫމާތުދެއެވެ. މިއަހަރުގެ ފަހުކޮޅު ބާއްވާ ވޯލްޑް ޓްރެވަލް މާކެޓްގެ ބޮޑު އެގްޒެބިޝަންގައިވެސް ރާއްޖެއިން ބައިވެރިވާނެކަމަށް އެމްބަސީން ބުނެއެވެ.