ކުޅިވަރު

ހަނިގޮތަކަށްވެސް މޮޅުވުމުން ހިތްހަމަޖެހޭ - މާޒިޔާ ކޯޗު


ކިތަންމެ ހަނިގޮތަކަށް މޮޅިވިނަމަވެސް ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ އެކެއް ސުމަކުން މިލަންދޫ ބަލިކުރި މެޗަށްފަހު މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީ ބުނީ އެކެއް ސުމަކުން މާޒިޔާ މޮޅުވިނަމަވެސް، މެޗްގެ ފުރަތަމަ ހާފްގެ ތިންވަނަ މިނިޓްގައި ހަސަން ޝިފާޒަށް ލިބުނު ފުރުސަތު، ގޯލަކަށް ބަދަލުކޮށްލިނަމަ، މެޗްގައި ގިނަ ގޯލްތަކެއް ފެނުމުގެ ފުރުސަތު ބޮޑުވީސްކަމަށެވެ. މެޗްގައި މިލަންދޫ ޓީމުން މޮޅަށް ކުޅުނު ކަމަށާއި، މާޒިޔާއިން އުފައްދަން މަސައްކަތްކުރި ގިނަ ހަމަލާތަށް މިލަންދޫއިން ހިފަހައްޓާފައިވާކަމަށް މާޒިޔާގެ ކޯޗް ފާހަގަކުރިއެވެ. އާންމުކޮށް މާޒިޔާގެ ފުރަތަމަ އެގާރައިގައި ފަށާ ގިނަ ކުޅުންތެރިން ނުލާ ފެށި މެޗުގެ އޮއިވަރަށް އައި ބަދަލާއި ގުޅިގެން މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީ ވަނީ އައްސަދު އަލީ އާއި މުހައްމަދު އުމެއިރު ކުޅެންއަރުވާފައެވެ. ކޯޗު ބުނީ މެޗުން މޮޅުވުމުގައި ތަޖްރިބާކާރު ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑުކަމަށެވެ.

"ފުރަތަމަ އަހަރެމެން މެޗު ފެށީ އާންމުކޮށް ބޭނުންކުރާ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެން. އޭގެ ބޭނުމަކަށްވީ، ސްކޮޑްގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް ފުރުސަތުދިނުން. ނަމަވެސް މެޗުގެ އޮއިވަރަށް އައި ބަދަލާ ގުޅިގެން ތަޖުރިބާކާރު ކުޅުންތެރިން އަރުވަން އަހަންނަށް މަޖުބޫރުވި. މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ކެރިކް ޖެހިނަމަވެސް، ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސްކޮށްދީފައިވަނީ ތަޖްރިބާ ކާރު ކުޅުންތެރިން." ކޯޗު ބުންޏެވެ

މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނީ މިހާތަނަށް އެއްވެސް ޓީމަކަށް ނުވަ ޕޮއިންޓް ލިބިފައި ނުވާކަމަށާއި ތިން މެޗުން ނުވަ ޕޮއިންޓް ލިބުމުން ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި މިހުރިހާކަމެއްގެވެސް ހައްޤުވެރިންނަކީ ޓީމްގެ ކުޅުންތެރިންކަމަށް ކޯޗް ފާހަގަކުރިއެވެ.