ޓުއަރިޒަމް

ފަތުރުވެރިކަމުގެ ސިނާއަތަށް ކްރޫޒްލައިނަރ ތަޢާރަފް ކުރަނީ


ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރޫޒްލައިންފަދަ ބޮޑެތި އުޅަނދުތައް ތައާރަފްކުރުމަކީ އަދުގެ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމެއްކަމަށް ޓޫރިޒަމް މިނިސްޓަރުގެ ނައިބު ޙުސައިން ލިރާރު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރުގެ ނާއިބު ޙުސައިން ލިރާރު މިހެން ވިދާޅުވީ، އިޓަލީގެ މަޝްހޫރު ކްރޫޒް ލައިނެއްކަމަށްވާ "ކޮސްޓަރ" ގައި ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު އިނަމޯލްޑިވްސްއިން ހުޅުވާލުމާއި ގުޅިގެން އެކަމުގެ މައުލޫމާތު ދިނުމަށް އުނިމާ ގްރޭންޑްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ލިރާރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް، ކްރޫޒް ލައިން ފަދަ ވަސީލަތްތައް ތަޢާރަފްކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމަށެވެ. އެގޮތުން ކްރޫޒް ލައިންތަކަށް ޚާއްޞަ ބަނދަރެއް ހުޅުމާލޭގައި ހަދަން ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކޮސްޓަރ" ކުރޫޒްލައިނާގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭގޮތުން އިނަމޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ، މިއީ ހިތްފަސޭހަ ތަފާތު މާހައުލެއްގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ދިވެހިންނަށް ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ.

މިއަހަރުގެ ނޮވެމްބަރ 18 ވަނަ ދުވަހު ރާއްޖެއިން ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުގައި މާލެއިން ސްރީލަންކާއަށް އަދި މާލެއިން އިންޑިއާގެ މުމްބާއީއަށް ކުރޫޒްލައިންގައި ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މާލެއިން ލަންކާއަށް ކުރާ ދަތުރުގައި 3 ދުވަހު ކްރޫޒް ލައިންގައި ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މާލެއިން މުމްބާއީއަށް ކުރާ ދަތުރަކީ 7 ދުވަހުގެ ދަތުރެކެވެ. އިނަމޯލްޑުވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ، ކްރޫޒް ލައިންގައި ކުރާ ދަތުރު ނިމުމުގެ ކުރިން، މާލެ އަންނަން ބޭނުންނަމަ ސްރީލަންކަން އެއަރލައިންސްގެ ފްލައިޓްގައި އެމީހަކަށް މާލެ އާދެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

 އިނަ މޯލްޑިވްސްއިން މިދިޔަ އަހަރުވެސް ކުރޫޒް ލައިނާގައި ޗުއްޓީހޭދަކުރުމަށް ބޭނުންވާ ދިވެހިންނަށް އެފުރުސަތު ފަހިކޮށްދީފައިވެއެވެ.