ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ޚާއްޞަ އެކްޝަން ޕްލޭނެއް!


ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ޤައުމީ ފެންވަރުގައި ބޭއްވި މަހާސިންތާ ނިންމާލައި އެ މަހާސިންތާގައި އެކަށައެޅި އެކްޝަން ޕްލޭން އިފްތިތާޙްކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޙަފްލާއެއްގައި މި އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ޤައުމީ ފެންވަރުގައި ބޭއްވި މަހާސިންތާ އެކަށައެޅި އެކްޝަން ޕްލޭނަކީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުން އެކަށައެޅި ދެއަހަރު ދުވަހުގެ ޢަމަލީ މަޝްރޫޢެކެވެ. މި އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ މަހާސިންތާ ނިންމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ.

މި ދިޔަ އަންގާރަ ދުވަހު ފެށިގެން 3 ދުވަހުގެ މުއްދަތަށް ބޭއްވި މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ޤައުމެއްގެ ރައުސުލްމާލަކީ ކުޑަކުދިން ކަމަށް ވުމާއެކު އެކުދިންނަކީ ކުށްތަކުން ރައްކާތެރިކުރެވިފައިވާ ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަނިޔާކުރާ ވާހަކައަކީ ޙިއްޞާކުރަން ދަތި ވާހަކައެއްނަމަވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ސަތޭކައަށްވުރެ ގިނަ މައްސަލަ ކޮންމެ މަހަކުވެސް ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓްކުރެވޭ ކަމަށެވެ. އެންމެ ގިނައިން ރިޕޯޓް ކުރެވެނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކާއި އެ ކުދިންނަށް އިހުމާލުވުމާއި ނަފްސާނީ އަނިޔާގެ މައްސަލަތައްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުދިންނަށް އަނިޔާކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަމާ ބެހޭފަރާތްތަކާއެކު ތަފާތު މަސައްކަތްތައް ކޮށްފައިވާއިރު، މިކަމުގެ ނަތީޖާ ފެންނަމުން އަންނަކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ޔުނިސެފާ ގުޅިގެން ޖެންޑަރ މިނިސްޓްރީން ބޭއްވި މި މަސައްކަތު ބައްދަލުމުގެ ނިމުން ފާހަގަކުރުމުގެ ޙަފްލާގައި ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ މަންދޫބު ޑރ. އެލިސް އަކުންގާ ދެއްކެވި ވާހަކައިގައި ކުޑަކުދިންނަކީ އެންމެންގެ އަޅާލުމާއި ލޯބި ދީގެން ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ފަރާތްތަކެއްކަން ފާހަގަކުރައްވައި އެކުދިންނަކީ މުޖުތަމަޢު ރަނގަޅު ގޮތުގައި ބަލައިގަންނަ ފަދަ ބަޔަކަށް ހެދުމަށް އެކުދިން ނިސްބަތްވާ ޤައުމެއްގެ ސަރުކާރުންވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޑރ. އެލިސް އަކުންގާ ވިދާޅުވީ ޔުނިސެފުން ކޮންމެ ކުޑަކުއްޖެއްގެ ޙައްޤުގައިވެސް އަބަދުވެސް ތެދުވާނެ ކަމަށާއި ސަބަބަކީ ޔުނިސެފުން މަސައްކަތްކުރަނީ ހަމަ ހުރިހާ ކުދިންގެ ޙައްޤުވެސް ޙިމާޔަތްކުރުމަށް ކަމަށްވާތީ ކަމަށެވެ.

މި ޙަފްލާގައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާމެދު ކުޑަކުދިންގެ ޚިޔާލުތައް ހުށަހަޅާފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ. ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބޭއްވި ޤައުމީ މަހާސިންތާގައި، ފަންސާހަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.