ތިމާވެށި

ކުނި މެނޭޖްކުރުމުގެ މަސައްކަތަށް 17.5 މިލިއަން ޑޮލަރުގެ އެހީއެއް


ސާފު، ސިއްޙީގޮތުން ދުޅަހެޔޮ ތިމާވެއްޓެއްގެ ގޮތުގައި ރާއްޖޭގެ ތިމާވެށި ބޭއްވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން އަންނަނީ ރަށު ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.

ކުނި މެނޭޖުކުރުމަށް އެކުލަވާލާފައިވާ ޤައުމީ ސިޔާސަތުގެ ދަށުން އެކި ފޭސްތަކަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ އަތުޅުތަކެއް ހިމެނޭ ގޮތަށް އަންނަނީ އައިލެންޑް އަދި ރީޖަނަލް ވޭސްޓް މެނޭޖްމެންޓްގެ ނަމުގައި ބޮޑު ޕްރޮޖެކްޓެއް ހިންގަމުންނެވެ. ރާއްޖޭގައި ކުނި މެނޭޖް ކުރުމަށް ހިންގާ މި ޕްރޮޖެކްޓަށް އެހީވުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ވަނީ 17.5 މިލިއަން ޑޮލަރު ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީއާއިއެކު ސޮއި ކޮށްފައެވެ. މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ފާފު، މީމު، ދާލު، ތާ އަދި ލާމު އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ އައިލެންޑް އަދި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްތަކަށެވެ.

ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ ވޯލްޑް ބޭންކަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ވަރަށް ގާތުން އެހީތެރިކަންދޭ ބޭންކެއްކަމަށެވެ. އަދި އެއީރާއްޖެއަށް ތަރައްޤީ ގެނައުމުގައްޔާއި، ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭ ބޭންކެއްކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ ދެތިން އަހަރުދުވަހުގެ ތެރޭގައި ތިރީސް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ވޯލްޑް ބޭންކުގެ އެހީގެ ދަށުން ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއެއްބަސްވުމުގައި ވޯލްޑް ބޭންގެ ފަރާތުން ސޮއިކުރެއްވުމަށްފަހު، ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ މިސް އައިޑާ ރިޑިހޮ ވިދާޅުވީ، ރާއްޖެ ދުނިޔޭގައި މަޤުބޫލުވެފައި އޮތީ ރާއްޖޭގެ ތީރިކަމުން ކަމަށާއި، އެކަން ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އެހެންކަމުން މި ދެވުނު ފައިސާގެ އެހީ ދެމެހެއްޓެނިވި، ފައިދާހުރި ގޮތެއްގައި ބޭންކުރުމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.

މި ރަސްމިޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މިނިސްޓަރ ވިދާޅުވީ ކުނި މެނޭޖުކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖެއަށް ވަރަށް މުހިންމު މަޝްރޫޢުތަކެއް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތަކެއް އަންނާނެ ކަމެއްކަމަށެވެ.

ވޯލްޑް ބޭންކުން މިފަހަރު ހަމަޖެހުނު ފައިސާގެ އެހީގެ ދަށުން 43 ރަށެއްގައި ކުނި މެނޭޖުކުރުމުގެ ޕްރޮޖެކްޓްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮޖެކްޓް ފެށުމަށް މިހާރު ޕްލޭން އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި، ޓެންޑަރ ޑޮކިއުމަންޓްތައް ތައްޔާރުކޮށް ވަރަށް އަވަހަށް ބިޑަށް ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ޤާއިމުކުރުމުގެ އިތުރަށް މަސައްކަތައް ބޭނުންވާ އިކުއިޕްމަންޓް ހޯދުމާއި މީހުން ތަމްރީން ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކުނި މެނޭޖުކުރުމަށް އެކުލަވާލާފައިވާ ޤައުމީ ސިޔާސަތުގެ ދަށުން ހަތް ޒޯނަކަށް ބަހާލައިގެން ގެންދަނީ އައިލެންޑް އަދި ރީޖަނަލް ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ގއ. އާއި ގދ. އާއި ފުވައްމުލަކާއި އައްޑޫ އާއި ރ.އަތޮޅުގައިވެސް އަންނަނީ މި މަޝްރޫޢުގެ މަސައްކަތްތައް ކުރަމުންނެވެ.