ތަރައްްޤީ

މަގުހެދުމުގެ މަޝްރޫޢުތައް މިއަހަރުގެ ނިޔަލަށް ނިންމަނީ


މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެމްއާރްޑީސީން ހިންގަމުންގެންދާ މަގުހެދުމުގެ މަޝްރޫޢުތަކާއި ފުޓްސަލް ދަނޑުތަކާއި ގދ.ތިނަދޫގައި ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތްވެސް މިއަހަރުގެ ނިޔަލަށް ނިންމަން މަސައްކަތްކުރަމުން އަންނަކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެމްއާރްޑީސީން ކުރިއަށްގެންދާ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީ ހުޅުމީދޫގެ ފޭސް ދޭކާއި، ގދ.ތިނަދޫ، ގއ. ވިލިނގި، ދ.ކުޑަހުވަދޫ ތ.ވިލުފުށި މިރަށްރަށުގެ މަގުތައް ތަރައްޤީކޮށް ހެދުމުގެ މަސައްކަތްތައް ވަނީ މިއަހަރުގެ ތެރޭގައި ނިންމާފައެވެ. އަދި މިހާރު ފަށައިގެން ކުރިއަށް ގެންދާ ހއ. ދިއްދު އާއި ކ.ދިއްފުށީގެ މަގުހެދުމުގެ ބޮޑު ބައެއް ނިމިފައިވާއިރު، ދިއްދޫގެ މަގުތަކުގައި ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށާފައެވެ. އަދި ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ހަފްތައެއްގެ ތެރޭގަގައި ފަށާނެކަމަށް އެމްއާރްޑީސީން ބުނެއެވެ.

ރ.އުގޫފާރުގެ 14 މަގެއް ތާރު އަޅައިގެން ތަރައްގީކުރުމުގެ މަސައްކަތްވެސް އެމްއާރްޑީސީން ގެންދަނީ ކުރަމުންނެވެ. މި މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީމަހަށް ނިމޭނެކަމަށް އެމްއާރްޑީސީން ބުނެއެވެ. ގާ އަތުރައިގެން ތަރައްޤީކުރާ ރ.މީދޫ އާއި އދ.މަހިބަދޫގެ މަގުހެދުމުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް އެމްއާރްޑިސީން މަޢުލޫމާތުދެއެވެ. މީދޫގެ އަށް މަގެއްގައި އަދި މަހިބަދޫގެ ވިހި މަގެއް ގާޖަހައިގެން ހަދާއިރު މި ދެރަށުގެ މަސައްކަތްވެސް މި އަހަރު ނިމޭނެކަމަށް އެމްއާރްޑިސީން ބުނެއެވެ.

ލ. ފޮނަދޫގައިވެސް ދަނީ މަގުތަކުގައި ތާރުއެޅުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައްވަމުންނެވެ. އެގޮތުން މަގުތައް ލެވެލް ކުރުމާއި، ވަޅުލަންޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސެޕްޓެމްބަރު މަހު ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، ނޮވެމްބަރުމަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށް މަސައްކަތްކުރާނެކަމަށް އެމްއާރްޑީސީން ވަނީ ބުނެފައެވެ.

މިގެއިތުރުން އެމްއާރްޑީސީން ދަނީ ރަށްރަށުގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ފުވައްމުލަކު ސިޓީއާއި އައްޑޫސިޓީ ހުޅުމީދޫގެ ވެލިމަގުތައް ރަނގަޅުފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މަގުތައް ހެދުމުގެ އިރުރުން އެމްއާރްޑީސީންދަނީ 67 ރަށެއްގައި ފުޓްސަލް ދަނޑުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެމްއާރްޑީސީން މަޢުލޫމާތުދޭ ގޮތުގައި 67 ރަށުގެ ތެރެއިން 35 ރަށެއްގެ ސިވިލް މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި 18 ރަށެއްގެ ސިވިލް މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު މީގެތެރެއިން 12 ރަށުގެ ސިވިލް މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމްއާރުޑީސީން ބުނެއެވެ.

ގދ.ތިނަދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތަކީވެސް އެމްއާރްޑީސީން ކުރަމުން އަންނަ މަސައްކަތެކެވެ. މި މަސައްކަތްވެސް މިއަހަރު ނިމުމުގެ ކުރިން ނިންމައި އިސްލާމިކް މިނިސްޓްރީއާއި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްއާރްޑީސީއިން ވަނީ ބުނެފައެވެ.

އެމްއާރްޑީސީގެ އަމާޒަކީ މިއަހަރު ނިމުގެ ކުރިން މިހާރު ހަވާލުވެފައިހުރި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމެވެ.