ކުޅިވަރު

ތިން ޕެނަލްޓީ ފެނުނު މާޅޮހާއި ކުޑަހުވަދޫ ވާދަކުރި މެޗު އެއްވަރު!


ދ. ކުޑަހުވަދޫއާއި އއ.މާޅޮސް ވާދަކުރި ފޯރިގަދަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. 

ލީގުގައި ރޭ މާޅޮހާއި ކުޑަހުވަދޫ ވާދަކުރި މެޗް އެއްވަރުވީ ދޭއް ދޭކުންނެވެ. ތިން ޕެނަލްޓީ ފެނިގެންދިޔަ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ކުޑަހުވަދޫންނެވެ. މިލަނޑު ޖަހައިދިނީ ޑިފެންޑަރި އިބްރާހިމް އުޝާމަތެވެ. 

ލިބުނު ޕެނަލްްޓީއަކުން ފުރަތަމަ ހާފްގެ 33 ވަނަ މިނެޓުގައި މާޅޮހަށް ނަތީޖާ ހަމަހަމަކޮށްދިނީ ފޯވާޑް އެންޖެލް ކަރަސްކޯސާ މުނޯޒެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑްނަގަން ރަނުގެ ފުރުސަތެއް ކުޑަހުވަދޫއަށް ލިބުނެވެ. ކުޑަހުވަދޫގެ މުޙައްމަދު އިސްމާއިލް ފޮނުވާލި ޕެނަލްޓީ މާޅޮހުގެ ކީޕަރު އިބްރާހިމް ޒަމީރު ވަނީ ދިފައުކޮށްފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ކުޑަހުވަދޫން ދެވަނަ ފަހަރަށް މެޗުގެ ލީޑް ނެގީ އަދާމް ޝަހީމް ޖަހައިދިން ލަނޑުންނެވެ. މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި މާޅޮސް ޓީމަށް މެޗުން ޕޮއިންޓެއް ލިބުނީ އެންޖެލް ޖަހައިދިން ލަނޑުންނެވެ.

މެޗަށްފަހު ކުޑަހުވަދޫ ޓީމްގެ ކޯޗް މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ ނިކުތީ މޮޅަކަށްކަމަށާއ، މިއީ ތިން ޕޮއިންޓް ހޯދޭވަރުގެ މެޗެއްކަމަށެވެ. އޭނާ ބުނީ ހިތްހަމަ ނުޖެހުނަސް އެއްވެސް އެއްޗެއް ނުލިބުމަށްވުރެ ޕޮއިންޓެއް ރަނގަޅުކަމަށާއި، މެޗުގައި ކުޅުންތެރިންނަށްވެސް އެންމެ މޮޅު ކުޅުމެއް ނުދެއްކުނުކަމަށެވެ. 

"ވަރަށް ހަމަހަމަ ދެ ޓީމްގެ ފޯރިގަދަ މެޗެއް މި ފެނުނީ، ދެ ޓީމަށްވެސް މޮޅުވާން ލިބުނު. އަހަރުމެން ޓީމުން އެންމެ ބެސްޓެއް ނޫން މި ފެނުނީ. އެކަމަކު ހިތްހަމަޖެހޭ ބޮޑު ދެ ބައްޔަށްފަހު ޓީމުން ދެއްކި ކުޅުމަށް" ޝިޔާޒް ބުންޏެވެ.

މެޗަށްފަހު އއ.މާޅޮހުގެ އެސިސްޓަންޓް ކޯޗް އަލީ ނިޝްތާރު ބުނީ ރެފްރީއަށް ފާޑުކިޔަން ބޭނުންނުވިޔަސް ކުޑަހުވަދޫއަށް ދިން ޕެނަލްޓީއާއިމެދު ސުވާލު އުފެދޭކަމަށެވެ. އޭނާ ބުނީ ގިނަ ފުރުސަތުތަކެއް ލިބުނުކަމަށާއި، މޮޅުނުވުމުން މާޔޫސްވެއްޖެކަމަށެވެ. ހުރިހާކަމެއްވެސް ޓީމްގެ ރަނގަޅުކަމަށާއި، މިއަދުގެ މެޗުގައި ކުޑަހުވަދޫ ޓީމް ނަސީބްވެސް ރަނގަޅީކަމަށެވެ. 

"ވިންއަކަށް ނިކުތީ، ގިނަ ޗާންސްތައްވެސް ލިބުނު ސްކޯރ ކުރަން. މިދިޔަ މެޗުގައިވެސް މި މެޗުގައިވެސް އަހަރުމެން މޮޅަށް ކުޅުނީ، ލިބޭ ޗާންސްތަކަށް ވޯކްކުރާނަން ކުރިއަށްހުރި މެޗުގައި" ނިޝްތާރު ބުންޏެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބް ވާދަކުރާނީ ގދ.ތިނަދޫއެވެ. އަދި މިރޭ ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނިކުންނާނީ ށ.މިލަންދޫއާއި ދެކޮޅަށެވެ.