ކުޅިވަރު

ސްޕޯރޓްސް ސްކޫލް އަޅަން ތިން ކޮންސެޕްޓެއް


ސްޕޯރޓްސް ސްކޫލްގެ ކޮންސެޕްޓް ރާވާ ނިމި، ކަމާބެހޭ ފަރާތްތަކާ އެކަން މިހާރު ހިއްސާ ކުރެވިފައިވާކަމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއް ރައްޒާޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރައްޒާޤު ވިދާޅުވީ ކޯޕަރޭޝަނުން ކުރަމުންގެންދާ އެންމެ މުޙިއްމު އެއް މަސައްކަތުގެ ތެރޭގައި ސްޕޯރޓްސް ސްކޫލެއް ޤާއިމް ކުރުން ހިމެނޭކަމަށެވެ. ސްޕޯރޓްސް ސްކޫލްގެ ކޮންސެޕްޓް ކަމާބެހޭ ފަރާތްކާއި ހިއްސާކުރުމަށްފަހު، ލިބޭ ހިޔާލުތަކަށް ބަލާ، އިސްލާހު ގެންނަންޖެހޭ ކަންތައްތަކަށް އިސްލާހު ގެންނާނެކަމަށް ރައްޒާގު ވިދާޅުވިއެވެ. 

ރައްޒާގު ވިދާޅުވީ ސްޕޯރޓްސް ސްކޫލެއް ޤާއިމް ކުރުމަށް މިހާރުވެސް ތިން ކޮންސެޕްޓެއްގެ ހިޔާލު ކޯޕަރޭޝަނުން ގެންގުޅޭކަމަށެވެ. ފުރަތަމަ ވިސްނުމަކީ މިހާރު ހިންގަމުންދާ ސްކޫލެއް ސްޕޯރޓްސް ސްކޫލަކަށް ބަދަލު ކުރުމެވެ. ދެވަނަ ވިސްނުމަކީ ވަކިން ސްޕޯރޓްސް ސްކޫލެއް ޤާއިމް ކުރުމެވެ. އަދި ތިންވަނަ ވިސްނުމަކީ ސްކޫލްތަކުގައި ކިޔަވާ ކުދިން، ސްކޫލްތަކުގައި ކިޔަވަމުން ކުޅިވަރުގެ ހުނަރު ދަސްކޮށްދިނުންކަމަށް ރައްޒާޤު ވިދާޅުވިއެވެ. ރައްޒާޤު ވިދާޅުވީ މިތިން ކޮންސެޕްޓާއި ގުޅޭ ގޮތުންވެސް ކުޅިވަރުގެ ބައެއް ފަރާތްތަކާއިއެކު މަޝްވަރާ ކުރަންޖެހޭކަމަށާއި، އެމަޝްވަރާތަކަށްފަހު އެންމެ ރަނގަޅު ކޮންސެޕްޓެއް ނަގާ އެކަން ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ސްޕޯރޓްސް ސްކޫލް ޤާއިމް ކުރުމަށް މާލެ ކައިރި ބައެއް ތަންތަން މިހާރު ބަލާފައިވާކަމަށްވެސް މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ރައްޒާޤު އިބްރާހީމް ވިދާޅުވިއެވެ.

މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ރައްޒާޤު އިބްރާހީމް ވިދާޅުވީ ފިޓްނަސް އެސެސްމަންޓް ލެބެއްގެ މަސައްކަތް ކުރުމަށްވެސް މިހާރު ރާވަމުންދާކަމަށެވެ.