ޚަބަރު

ދެމެހެއްޓެނިވި މަސްވެރިކަމާބެހޭ ބައްދަލުވުމެއް ފަށައިފި


އިންޑިއާ ކަނޑުގައި ކުރާ މަސްވެރިކަމަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުރާ ކަމަކަށް ހެދުމާއިގުޅޭ ގޮތުން އިންޑިއާ ކަނޑުގެ އައްސޭރިފަށު ޤައުމުތަކުގެ އިސްވެރިންގެ މެދުގައި ޚިޔާލު އެއްގޮތްކުރުމަށް އަންނަ ބުރާސްފަތިދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުންތައް މިއަދު ފަށައިފިއެވެ. 

މި ބައްދަލުވުން ކުރިއަށްދަނީ ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ. ދެދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުންތަކަކީ އިންޑިއާ ކަނޑުގައި ބާނާ ކަޅުބިލަމަހާއި ކަންނެލީގެ ސްޓޮކް މަދުވަމުންދާތީ އެކަމަށް ހައްލެއް ގެނައުމަށް ކޮންމެ ޤައުމަކަށްވެސް މަސްބޭނޭނޭ ކޯޓާއެއް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ކޮމިޝަނަރު ޑރ މުޙައްމަދު ޝިހާމް ވިދާޅުވީ، މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރަމުންދަނީ، މިއަހަރުގެ މެއިމަހު ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮންފަރަންސްގެ ކޮމިޝަން ޖަލްސާއަށް އިންޑިއާ ކަނޑަށް ނިސްބަތްނުވާ ޤައުމުތަކުގެ ތެރެއިން އިންޑިއާކަނޑުގައި މަސްވެރިކަން ކުރާ ޤައުމުތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްއާ ބެހޭގޮތުންކަމަށެވެ.

މިއަހަރުގެ މެއިމަހު ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އެކާވީސްވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ހުށަހަޅާފައިވަނީ، އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން އިންޑިއާ ކަނޑުން އެކި ޤައުމުތަކަށް މަސްބޭނޭނެ އެންމެ މަތީމިންވަރު ކަނޑައެޅުމާބެހޭ ޤަރާރެކެވެ. ޑރ މުހައްމަދު ޝިހާމް ވިދާޅުވީ، އިންޑިއާ ކަނޑުން އެކި ޤައުމުތަކަށް މަސްބޭނޭނޭ ކޯޓާއެއް ކަނޑައެޅުމުގެ މުހިއްމުކަން ދިވެހިރާއްޖެފަދަ ޤައުމުތަކަށް ވަރަށް މުހިއްމުކަމަށެވެ. މިފަދަ ގަރާރެއް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، އިންޑިއާ ކަނޑުގެ މަސްވެރިކަން ދަށްވެއްޖެނަމަ ދިވެހިރާއްޖެ ފަދަ ޤައުމުތަކަށް މަސްވެރިކަން ކުރުމުގައި ކުރިމަތިވެދާނޭ ދަތިތަކުންނާއި މި ސިނާއަތުގެ މުސްތަޤްބަލަށް ހުރި ހިރާސްތައް ކުޑަކުރުންކަމަށެވެ.

އިންޑިއާ ކަނޑުގައި ކުރާ މަސްވެރިކަމަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުރާ މަސްވެރިކަމަކަށް ހެދުމަށްޓަކައި އިންޑިއާ ކަނޑުގެ އައްސޭރިފަށު ޤައުމުތަކުގެ އިސްވެރިންގެ މެދުގައި ޚިޔާލު އެއްގޮތްކުރުމަށް އަންނަ ބުރާސްފަތިދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ކަމާއި ގުޅުންހުރި ދާއިރާގެ ވަޒީރުން ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ. އިންޑިއާ ކަނޑުގައި ކުރާ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމަކަށް ހެއްދެވުމަށް ރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ މަސައްކަތް ކުރަމުންނެވެ.