އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ ބޮޑެތި މަޝްރޫޢުތައް ހުޅުވި ޚިދުމަތްދޭން ފެށޭނެ އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ ރިޔާސީ ދައުރުގައި ކުރައްވަން ކަނޑައެޅުއްވި ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުތަކުގެ ތަފްސީލް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އަންނަ އަހަރުގެ ތެރޭގައި ނިމޭނެ އެންމެ އުފާވެރި މަޝްރޫޢުއަކީ ބްރިޖް މަޝްރޫޢުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ރަސްމީކޮށް ބްރިޖް ހުޅުވުމުގެ ކުރިން އަލަށް ކައިވެނި ކުރާ މީހުންގެ ކައިވެނީގެ ޕާޓީތަކަށް ބްރިޖް ހުޅުވާލާނެކަމަށެވެ.
އެދުވަސް އެމަނިކުފާނު ދެކެން ބޭނުންވާކަމަށާ ބްރިޖްގެ މަޝްރޫޢު އަންނަ އަހަރަށް ނިންމުމަށް ތާވަލް ކުރި ތާރީޚަށްވުރެ އަވަހަށް ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. ބްރިޖް މަޝްރޫޢު، އަންނަ އަހަރުގެ ޖުލައި މަހު ހުޅުވުމަށް ވަނީ ކަނޑައަޅާފައެވެ.
ދެވަނަ މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރަން ފަށްޓާވާފައިވާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެވެ. މި މަސައްކަތްތައްވެސް އަންނަ އަހަރު، ނިންމައި ޚިދުމަތް ދެއްވަން ފަށްޓަވާނެކަމުގެ އުފާވެރި ޚަބަރު ރައީސް ވަނީ ދެއްވާފައެވެ.
އައިޖީއެމްއެޗުގެ ފަންސަވީސް ބުރީގެ އާ ޢިމާރާތް ނިމުމަކާ ގާތްވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުގެ މެދެއްތެރޭގައި އެ ޢިމާރާތްވެސް ހުޅުވޭނެކަމަށެވެ. ރައީސް ވަނީ އެ ޢިމާރާތަށް ދެއްވާފައިވާ ނަން ކަމަށްވާ "ދަރުމަވަންތަ ހޮސްޕިޓަލް" މި ނަން ޢާންމުކުރައްވާފައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލް މީގެ ކުރިން ދުވަހަކުވެސް ރާއްޖެ ނުދެކޭ ކުރިއެރުން ހުރި ސިއްޙީ ޚިދުމަތްދޭ ތަނަކަށް އެތަން ވެގެންދާނެކަމަށް ވިދާޅުވެ ބައެއް ޚިދުމަތްތައް ރައީސް ތަފްސީލްކޮށްދެއްވިއެވެ.
"ދަރުމަވަންތަ ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އެންމެ މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިހާރު ރާއްޖޭގައި ލިބެން ނެތް ތަޙްލީލީއެތައް މަސައްކަތެއް ކުރެވިގެންދާނެ. މިހުރިހާ މަސައްކަތެއް ފުރިހަމަ ކުރެވޭތޯ މި ބަލަނީ. އިރާދަކުރެއްވިއްޔާ މިއަންނަ ޖުލައި 26 އަށް މި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވޭތޯ މި ބަލަނީ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވަނީ އިތުރު ބައެއް ބިޔަ މަޝްރޫޢުތަކަށްވެސް ބައްލަވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބިޔަ އެއް މަޝްރޫޢުކަމުގައިވާ އެނބޫދޫ ލެގޫން ޓޫރިޒަމް މަޝްރޫޢު ފާހަގަކުރެއްވިއެވެ. އެވަރުގެ ބިޔަ އިންވެސްޓެއް ސަރުކާރުން ކުރާތީ، ސަރުކާރުގެ ތަސައްވުރާއި، ސަރުކާރުގެ ވިސްނުމާއި ރިސްކް އެސެސްމަންޓް ސަރުކާރުން ހަދާފަ އޮންނާނެކަން އިދިކޮޅު ސިޔާސީ ފަރާތްތަކުން ޤަބޫލުކުރެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެންބޫދޫ ލެގޫން މަޝްރޫޢުއަކީ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެކެވެ.
މި ހުރިހާ މަޝްރޫޢުތަކަކީވެސް އިޤްތިޞާދީ ބަދަލަކަށް އަޅާ ބިންގާތަކެއްކަން ސިފަކުރައްވަމުން، ރައީސް ވިދާޅުވީ އަންނަ އަހަރު އެ މަޝްރޫޢުތަކުން ފައިދާ ރައްޔިތުންނަށް ލިބޭނެކަމަށެވެ. މިއާއެކު ތަޢުލީމީ ދާއިރާއާއި ޞިއްހީ ދާއިރާއާއި ވަޒީފާ ލިބިގެންދާ ދާއިރާތަކަށް ބަލާނަމަ ދެން ކުރިއަށްދާންވީ ހިސާބަށް އިންތިޒާރުކުރުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރާއްޖޭގައި މިހާތަނަށް ފެނިފައި ނުވާ އެތައްކަމަކާ އެކު ތަރައްޤީކުރާ ސަލްޓަން ޕާކް މިމަހު ނިމޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހިން ބޭނުންވާ ތަރައްޤީގެ އެތައް ކަމެއް ކުރަމުން އަންނަކަމަށް ވިދާޅުވެ 2018 ވެގެންދާނީ ޤައުމީ ޢީދަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ސިފަކުރެއްވިއެވެ.