ކުޅިވަރު

މުބާރާތާއި، ރޭންކިންގ މެޗުތަކުންވެސް އަންހެން ވޮލީ ޓީމް ބަލި


އޭޝިއަން ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕާއި، ވޯލްޑް ރޭންކިން މެޗުތަކުންވެސް ޤައުމީ އަންހެން ޓީމް ބަލިވެއްޖެއެވެ.

 ފިލިޕީންސްގެ މެނީލާގައި މިހާރު ކުރިއަށްދާ އޭޝިއަން ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ޤައުމީ އަންހެން ޓީމް ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖްގައި ކުޅުނު ފުރުތަމަ މެޗުން އަންހެން ޓީމް ބަލިވެފައިވަނީ ތައިލެންޑާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ތައިލެންޑް މިމެޗުގެ ސެޓްތައް ގެންގޮސްފައިވަނީ 25-5، 25-12 އަދި 25-9 ނެވެ.

 ދެވަނަ މެޗު ޗައިނީސް ޓައިޕޭ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗްގެ ސެޓްތައް ޗައިނީސް ޓައިޕޭ ގެންދިޔައީ 25-9، 25-8 އަދި 25-10 ނެވެ. އޭޝިއަން ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ވާދަކޮށްފައިވަނީ އިރާނާއެވެ. އިރާންވެސް މެޗު ކާމިޔާބުކުރީ ސިދާ ތިން ސެޓުންނެވެ. މެޗްގެ ސެޓްތައް އިރާން ގެންދިޔައީ 25-4، 25-13 އަދި 25-14 ނެވެ. 

މުބާރާތަށްފަހު ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމް ކުޅެފައިވަނީ ވޯލްޑް ރޭންކިންގެ މެޗުތަކެވެ. ފުރަތަމަ މެޗުގައި އޮސްޓްރޭލިއާއި ވާދަކޮށް ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗްގެ ސެޓްތައް އޮސްޓްރޭލިއާ ގެންގޮސްފައިވަނީ 25-9، 25-5 އަދި 25-19 ނެވެ. ރޭންކިންގެ ދެވަނަ މެޗްގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.. މެޗްގެ ސެޓްތައް ލަންކާ ގެންދިޔައީ 25-19، 25-13 އަދި 14-25 ނެވެ.  

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމުގެ ކޯޗަކީ ކުރީގެ ކުޅުންތެރިއާ އަދި ތަޖުރިބާކާރު ކޯޗު މުހައްމަދު ނަދީމެވެ. މުބާރާތުގެ ކުރިންވެސް ކޯޗު ނަދީމް ބުނެފައިވަނީ މުބާރާތުގައި ވާދަކުރަނީ މާ ވަރުގަދަ ޓީމްތައް ކަމަށާއި، އެޓީމްތައް އަތުން މޮޅުވާނެކަމަށް އުއްމީދުވެސް ކޮށްގެން ނުވާނެކަމަށެވެ.