ކުޅިވަރު

ޒުވާން ޓީމްތަކަށް ބޭނުންވަނީ ދާއިމީ ތަމްރީންތަކެއް - ސާންތި


ސަރަޙައްދީ ޤައުމުތަކާ ވާދަކުރަން ބޭނުންނަމަ ޒުވާން ޤައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ބޭނުންވަނީ ދިގު މުއްދަތެއްގެ ތަމްރީނު ކަމަށް 19 އަހަރުން ދަށުގެ ޤައުމީ ޓީމްގެ ކޯޗް އިޙްސާން ޢަބްދުލްޣަނީ (ސާންތި) ބުނެފިއެވެ. 

އަންނަ މަހު އޮންނަ ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ ޤައުމީ ޓީމްގެ ހެޑް ކޯޗް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ބުނީ ކުޅުންތެރިންގެ ހުނަރު އެބަހުރި ކަމަށާއި، އެ ހުނަރު ތަރައްޤީ ކޮށް ދެމެހެއްޓޭނީ މުބާރާތެއް ނެތަސް އަބަދުވެސް ތަމްރީނުތައް ކުރިޔަށް ގެންގޮސްގެން ކަމަށެވެ. 

ގިނަ ކުޅުންތެރިންނަކީ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގައިވެސް ނުހިމެނޭ ކުޅުންތެރިން ކަމުން މެޗު ތަޖުރިބާ މަދުވުމަކީވެސް އޮތް ވަރަށްބޮޑު ހުރަހެއް ކަމަށް ސާންތި ބުންޏެވެ. ނަމަވެސް އެފްއޭއެމުން މިހާރު ޒުވާން ޓީމްތަކަށް ވަރަށްބޮޑު އިސްކަމެއް ދޭކަމަށާއި، އުއްމީދަކީ މިހާރަށްވުރެވެސް ބޮޑަށް ޒުވާން ކުޅުންތެރިންގެ ކަންކަން ވީހާވެސް ގާތުން ބެލުން ކަމަށް އީގަލްސްގެ ކުރީގެ ކޯޗް އިޙްސާން ޢަބްދުލްޣަނީ ސާންތި ބުންޏެވެ.

" މީގެތެރޭގައި ގިނައީ މުބާރާތެއް ނެތްނަމަ އާންމުކޮށް އެންމެ ޕްރެކިޓިސްއެއްވެސް ނުކުރާ ކުޅުންތެރިން. އޭގެ ސަބަބުން ކުޅުންތެރިންގެ ފިޓްނަސްއަށް ވަރަށްބޮޑެތި ބަދަލްތަކެއް އާދޭ. މިސަރަޙައްދުގެ ގިނަ ޤައުމުތަކުގައި މި އުމުރުފުރާގެ ކުޅުންތެރިންނަކީ މިހާރު ހަށިގަނޑުގެ ގޮތުންވެސް ބިޔަ ކުޅުންތެރިން. އަޅުގަނޑުމެންގެ ކުޅުންތެރިންގެ ހަށިގަނޑު ކުޑަ ނަމަވެސް ހުނަރު އެބަހުރި. ނަމަވެސް އެހުނަރާ އެއްވަރަށް ކުޅުންތެރިޔާގެ ފިޒިކަލް ވަރުގަދަ ވެގެން ނޫންގޮތަކަށް ކާމިޔާބަކާ ހަމަޔަށް ވާސިލްވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ. " 2008 އަހަރު ރާއްޖެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދި އިރު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ޤައުމީ ޓީމްގައި މަސައްކަތްކުރި ކޯޗް އިޙްސާން ޢަބްދުލްޣަނީ ބުންޏެވެ.

19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނެނީ މިހާރު މިސަރަޙައްދުގެ ފުޓްބޯޅައިގައި އެންމެ ކުރި އަރަމުން އަންނަ ދެ ޤައުމު ކަމަށްވާ ސްރީލަންކާއާއި ނޭޕާލްއެވެ.