ޚަބަރު

ޕާކިސްތާނުގެ ވެރިންނަށް ރައީސް ތަހުނިޔާ ފޮނުއްވައިފި


ޕާކިސްތާނުގެ 70 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް މަމްނޫން ޙުސައިނަށާއި، ބޮޑުވަޒީރު ޝާހިދު ޚަޤާން އައްބާސީއަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ރައީސަށް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޕާކިސްތާނުގެ ރައީސަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި، ރައްޔިތުންނަށް، މިނިވަން ދުވަހުގެ މުނާސަބަތުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާއި، ޕާކިސްތާނާ ދެޤައުމުގެ ދޭތެރޭ އޮތް ގާތް އަޚުވަންތަ ގުޅުން ކުރިއަށް އޮތް ތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެ، ޕާކިސްތާނުގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.