ޚަބަރު

ކަސްޓަމްސްއިން މަސްތުވާތަކެތިތަކެއް އަތުލައިގެންފި


ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތިތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސުން އަތުލައިގެންފިއެވެ. 

ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި ފެނުނީ މިމަހު 9 ވަނަ ދުވަހު ބަންގްލަދޭޝުން ރާއްޖެއައި 23 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން، ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ. ކަސްޓަމްސްއިން ބުނީ މީނާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގުޅަތަކެއް ރައްކާކޮށްފައިހުރި ޕެކެޓްތަކެއް ފެނިފައިވާއިރު މިތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމައިންއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. ކަސްޓަމްސްއިން މަޢުލޫމާތުދޭ ގޮތުގައި އަތުލައިގަނެވުނު 690 އެމްފެޓަމައިން ގުޅަތަކުގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 71 ގްރާމް ހުއްޓެވެ.

img:http://s3.psmnews.mv/images/660x400/15026936840528.jpg|ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެން މަސްތުވާތަކެތި / ފޮޓޯ: ކަސްޓަމްސް

އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ތަކެތި އެތެރެކުރަން އުޅުނު މީހާ ފުލުހުންނާ ހަވާލުކުރެވިފައިވާއިރު ފުލުހުން މިމައްސަލަ އިތުރަށް ތަޙްޤީގް ކުރަމުންދާކަމަށް ކަސްޓަމްސްއިން ބުނެއެވެ. 

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ނުވަތަ ރާއްޖެއިން ބޭރުކުރުމުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއިއެކު 1 ލައްކަ ރުފިޔާ އިން ފެށިގެން 1 މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.