ސަރުކާރާ އެއްކޮޅަށް ތިއްބެވުމަށްފަހު މިއަދު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ މެމްބަރުންގެ ތެރޭގައި ނިޒާމްގެ ތެރެއިން ކުރެވެން ނެތް އެތައް ކަމެއް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި މެމްބަރުން އެބަތިއްބެވި ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ގޮނޑި ވިއްކުމާ ވޯޓު ވިއްކުން ނިމުމަކަށް މި ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ އެމަނިކުފާނަކީ ދާޚިލީ ވަޒީރެއް ކަމަކު ކުރެވޭނީ ޤާނޫނާ ޚިލާފު ނުވާ ކަންތައްތަކެއް ކަމަށެވެ. ނަމަވެސް މިއަދު ސަރުކާރާ ދެކޮޅަށް ތިއްބެވި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ވަކި ޚާއްސަ ކަމެއް ކޮށްދެއްވުމަށް އެދި ޚުދު އެމަނިކުފާނުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ. އަދި އެ މެމްބަރުން އެފަދަ ގޮތަކަށް ކަންކަން ކޮށްދެއްވުމަށް ވިދާޅުވިއިރު އެއީ ޤާނޫނީ ގޮތުން ނުކުރެވޭނެ ކަންތައްތަކެއްކަން އެނގިލައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަޒްލީން ވިދާޅުވީ ދަޢުލަތުގެ ނިޒާމުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރާ އަދި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ކޮށްދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް ޤާނޫނާ ޚިލާފު ކަމެއް ކުރެއްވުމަށް އެދިވަޑައިގަތް ނަމަވެސް އެފަދަ ކަންކަން ކޮށްނުދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.