މުޙްޔިއްދީން ސްކޫލުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރަކަށް އިޔާން އަހުމަދު ރަޝީދު ހޮވިއްޖެއެވެ.
އިޔާން އަހުމަދު ރަޝީދަށް އިނާމް ހަވާލުކޮށް ދެއްވީ ރޭ ބޭއްވި މުޙްޔިއްދީން ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައެވެ. މި ޖަލްސާގައި، މިދިޔަ އަހަރު މުޙިއްޔުއްދީން ސުކޫލުން އޯލެވެލް އިމްތިހާން ނިންމާ ގަދަ ދިހައެއްގައި ހިމެނުނު އެގާރަ ދަރިވަރުންނަށާއި، ދުނިޔޭގެ ގަދަ ދިހައިގައި ހިމެނުނު ދެ ދަރިވަރުންގެ އިތުރުން އެކި ހަރަކާތްތަކުން އެންމެ މޮޅު ދަރިވަރުންނަށްވެސް އިނާމްދީފައިވެއެވެ.
މީގެ އިތުރުން ގްރޭޑް 8، 9 އަދި 10 ގެ ދަރިވަރުންގެ ތެރެއިން ޖެނެރަލް ޕްރޮފެޝަންސީ ޕްރައިޒް، ކްލާސް ޕްރައިޒް އަދި ސަބްޖެކްޓް ޕްރައިޒް ލިބުނު ދަރިވަރުންނަށް ވަނީ ހަދާނީ ފިލާ ހަވާލުކޮށްފައިވެއެވެ.
މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އިޔާން ބުނީ މިފަދަ ކާމިޔާބީއެއް ހާސިލްކުރެވުނީ، ދީނީ، އަދަބީ އަދި ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވަމުންވެސް ކިޔެވުމަށް ދެވުނު އިސްކަމުގެ ސަބަބުން ކަމަށެވެ.
މި ޖަލްސާގައި ދަރިވަރުންނާ މުޙާތަބް ކޮށް ސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު ދެއްކެވި ވާހަކައިގައި، މުޙިއްޔުއްދީން ސުކޫލުގައި ދަރިވަރުންނަށްހުރި ފުރުސަތުތައް ފާހަގަކުރެއްވިއެވެ. އަދި 2015 ވަނަ އަހަރާއި އަޅާ ބަލާއިރު 2016 ވަނަ އަހަރު އެސުކޫލްގެ ނަތީޖާއަށް %39.3 ގެ ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.
މުޙްޔިއްދީން ސުކޫލްގައި ވޭތުވެދިޔަ އަހަރު 700 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކޮށްފައިވާއިރު، ޙާއްސަ އެހީއަށް ބޭނުންވާކުދިންނަށް ޚާއްސަ ކްލާސްތަކެއްވެސް އެ ސްކޫލްގައި ހިންގާފައިވެއެވެ. އަދި ދަސްވާރު ޕްރޮގްރާމްތެރެއިން އެކިދާއިރާތަކުން ގިނަ އަދަދެއްގެ ދަރިވަރުން ތަމްރީންކޮށްފައިވެއެވެ. މީގެ އިތުރުން ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި ޚާއްސަ ޙަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ވޭތުވެދިޔަ އަހަރު ތަޢުލީމީ ރޮނގުންނާއި އިތުރު ހަރަކާތްތަކުން މޮޅު ނަތީޖާ ހާސިލްކުރި ދަރިވަރުންނަށް އިނާމް ދިނުމަށް ބޭއްވި މި ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމްއާއި މިނިސްޓްރީގެ އިސްބޭފުޅުންނާއި މުޙިއްޔުއްދީން ސުކޫލްގެ އިސްވެރިން ބައިވެރިންނާއި ބެލެނިވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.