ކުޅިވަރު

ކުޑަހުވަދޫ ކުޅުންތެރިން އާކަންކަން ދަސްކޮށް ތަޖުރިބާ ހޯދަނީ


މިހާރު މިފެންނަނީ ކުޅުންތެރިން އާކަންކަން ދަސްކުރުމާއި ތަޖުރިބާ ހޯދަމުންދާ މަންޒަރު ކަމަށް ކުޑަހުވަދޫ ޓީމްގެ ކޯޗް މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ ޓީސީ އަތުންވީ ބޮޑު ބައްޔަށްފަހު ކޯޗް މޯހަން ބުނީ، ކިތަންމެ ބޮޑު ތަފާތަކުން ބަލިވި ނަމަވެސް އެއީ މައްސަލައެއް ނޫންކަމަށެވެ. މިލެވެލްގައި ބަލިވުމާއެކު ގޯސްތަކެއް ހެދިގެން ނޫނީ ކުޅުންތެރިންނަށް އެއްޗެއް ދަސްނުވާނެ ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ. މާލޭ ލީގުން ޕްރިމިއަރ ލީގަށް ކޮލިފައިވި ހަތަރު ޓީމަކީ ދެން އޮތް ޓީމްތަކާ މާބޮޑަށްވެސް ތަފާތު ޓީމްތަކެއް ކަމަށް މޯހަން ބުންޏެވެ. މީ ފުޓްބޯޅައިގައި ކުރިމަތިލާން ޖެހޭނެ ވަގުތުތަކެއް ކަމަށާއި މި ވަގުތާ ކުރިމަތިނުލާ ދުވަހަކުވެސް ބަޔަކަށް ކުރިއެރުމެއް ނުލިބޭނެކަމަށް އޭނާ ބުންޏެވެ.

ބޮޑު ތަފާތަކުން ކުޑަހުވަދޫގެ މައްޗަށް ކުރިހޯދުމުން ހިތްހަމަޖެހިފައިހުރި ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް ބުނީ ކުޑަހުވަދޫއަކީވެސް ބަލި ޓީމެއްކަމަށް ނުދެކި މިރޭ ކުޅުންތެރިން ކުރި ހިތްވަރާއި، ކުޅުމަކީ ތަޢުރީފް ޙައްޤު ކުޅުމެއް ކަމަށެވެ. މިފަދަ މެޗުތަކަކީ ވަރަށް މުހިންމު މެޗުތަކެއް ކަމަށާއި ސަބަބަކީ ގިނަފަހަރަށް ލަނޑު ލިބެނީ އާދައިގެ ޓީމްތައް އަތުން ކަމަށް ވާތީކަމަށް ނިޒާމް ބުންޏެވެ. ގިނަ ޓީމްތަކުން އާދައިގެ ޓީމްތަކާ ދެކޮޅަށް ނިކުންނައިރު މެޗް ފަސޭހަ ކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ހީނުކުރާފަދަ ނަތީޖާތަކެއް ނިކުންނަތަން މީގެ ކުރިން ފެނިފައިވާކަމަށް ޓީސީގެ ކޯޗް ނިޒާމް ބުންޏެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީން މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ކުޑަހުވަދޫގެ މައްޗަށް ކުރި ހޯދީ ހަ ލަނޑު އެއް ލަނޑުންނެވެ.