ކުޅިވަރު

ތިނަދޫ އަތުންވެސް ގްރީންއަށް އުނދަގޫ މޮޅެއް


ތިނަދޫ އަތުން ގްރީން ސްޓްރީޓް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ ގދ.ތިނަދޫއާއި ވާދަކޮށް ކްލަބު ގްރީން ސްޓްރީޓްސް މެޗު ކާމިޔާބުކުރީ 2-1 ނެވެ.

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ގްރީނަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ސުބޮލް އިލިއާއެވެ. ދެވަނަ ހާފްގެ ފުރަތަމަ މިނެޓުގައި ތިނަދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ ފޯވާޑް އެލެކްޒަންޑާރއެވެ. މެޗް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ގްރީން ސްޓްރީޓްސް މެޗުން މޮޅުވި ލަނޑު ޖަހައިދިނީ ޑިފެންޑަރ ޝާފިއު އަހުމަދެވެ.

މެޗަށްފަހު ގްރީން ސްޓްރީޓްސްގެ ކޯޗް ސޮބާހް މުޙައްމަދު ބުނީ މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަންކަމަށާއި، މޮޅަށް ނުކުޅެވުނަސް އެކަން ކުރެވިއްޖެކަމަށެވެ. ތިނަދޫ ޓީމްގެ ފެންވަރު އިނގޭކަމަށާއި، ވަރުގަދަ ޓީމެއް އަތުން މި ހޯދުނީ މުޙިންމު މޮޅެއްކަމަށްވެސް ކޯޗް ފާހަގަކުރިއެވެ. އޭނާ ބުނީ ފުރަތަމަ ޑިވިޝަންގެ ތަޖުރިބާހުރި ގިނަ ކުޅުންތެރިންނާއިއެކު އެ ޓީމް ވަރަށް ވަރުގަދަކަމަށާއި، މި މެޗަށް ނިކުތްއިރުވެސް މެޗު ފަސޭހަ ނުވާނެކަމަށް ޔަޤީންކުރިކަމަށެވެ.

މެޗަށްފަހު ގދ. ތިނަދޫ ޓީމްގެ ކޯޗް މާޓިނޭޒް ވަނީ ރެފްރީގެ ނިންމުންތަކަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ސްޕެއިންގެ ކޯޗް ބުނީ ގްރީން ސްޓްރީޓްސްގެ ކެޕްޓަން ފަރުހާދު ކުޅުމުން ބޭރުގައި ތިނަދޫގެ އެލެކްޒަންޑާރއަށް ހަމަލާ ދިނުމުން ރަތް ކާޑު ދައްކަންޖެހޭކަމަށާއި، ސުބޮލް އިލިއާއަށްވެސް މެޗުގައި ދެވަނަ ރީނދޫކާޑެއް ރެފްރީ ދެއްކިނަމަ ނަތީޖާ ތަފާތުވީސްކަމަށެވެ. އަދި ތިނަދޫ ކުޅުންތެރިންނަށް ލިބެންޖެހޭ އިޚްތިރާމް މެޗުގައި އޮފިޝަލުންގެ ފަރާތުން ލިބިފައި ނުވާކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.  

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ނިއުރޭޑީއަންޓް ސްޕޯޓްސް ކްލަބެވެ.