ތަރައްްޤީ

މަގު ހެދުމަށް ބޭނުންވާ ވެހިކަލްތައް އައްޑޫއަށް ގެންގޮސްފި


އައްޑޫ ސިޓީގެ މަގުތައް ހެދުމަށްޓަކައި އެމް.އާރް.ޑީ.ސީން އެކަމަށް ބޭނުންވާ މެޝިނަރީޒްތަކާއި، ވެހިކަލްތައް އައްޑޫ ސިޓީއަށް ގެންގޮސްފިއެވެ.

ރޭގެ ވަގުތެއްގައި އައްޑޫސިޓީއަށް މި ވެހިކަލްތައް ގެނެސްފައިވަނީ ހިތަދޫ ބަނދަރު ސަރަހައްދަށެވެ. އައްޑޫއަށް ގެންދިޔަ މެޝިނަރީތަކުގެ ތެރޭގައި ކްރޭންއާއި، ފޯކް ލިފްޓާއި އެކްސެލެރޭޓަރ ފަދަ މެޝިނަރީސްތައް ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވިދާޅުވީ އައްޑޫ ސިޓީގެ ބޮޑެތި ރަށްތައް ފިޔަވައި ހުޅުމީދުއަށްވެސް ވަރަށް އަވަހަށް މި މެޝިނަރީސްތައް ގެނެވޭނެކަމަށާއި، މި މެޝިންތައް ބޭނުންކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ އިތުރަށް، ފެނަކަ ކޯޕަރޭޝަން އިން މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓަތަކުގައިވެސް މި މެޝިނަރީސްތައް ބޭނުންކޮށް މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ.

މިއަހަރު ތެރޭގައިވެސް އެމް.އާރް.ޑީ.ސީން އައްޑޫ ސިޓީއަށް 3 ފަހަރެއްގެ މަތިން ވެހިކަލްތައް ގެންގޮސްފައިވެއެވެ. މީގެ އިތުރަށްވެސް އައްޑޫއަށް ގެންދަންޖެހޭ އިތުރު ވެހިކަލްތަކެއް އެބަހުރިކަމަށާއި ކުރިއަށް އޮތް މަހުގެތެރޭގައި އެ ވެހިކަލްތައް އައްޑޫ ސީޓީއަށް ގެންދާނެ ކަމަށް އައްޑޫސިޓީ އެމްއާރޑީސީން މަޢުލޫމާތުދެއެވެ.

އަދި މިކަމުގެ ސަބަބުން އައްޑޫގެ މަގުތައް ހެދުމަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބި ރައްޔިތުންނަށް ދޭ ޚިދްމަތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.