ތަރައްްޤީ

4 ރަށެއްގެ ފެނުގެ ނިޒާމްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ


މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށަށް ދިމާވާ ބޯފެނަށް ޖެހުމާއި، ބިމުން ނަގާފެން ލޮނުވެ ތަޤައްޔަރުވުމުގެ މައްސަލަވަނީ ކުރިމަތިވާން ފަށާފައެވެ. މިއީ ވާރޭ ވެހުން މަދުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެކެވެ. އެހެންކަމުން މި މައްސަލައަށް ހައްލެއް ގެނައުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ ފެނުގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ، ސާޅީސް ފަސް ރަށެއްގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމަކާއި، ހަތަރު ރަށެއްގެ ފެނުގެ ނިޒާމާ ގުޅޭގޮތުން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ފެނުގެ މި މަޝްރޫޢުއަކީ އެންވަޔަރަމެންޓް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓާ ގުޅިގެން، "ގްރީން ކްލައިމެޓް ފަންޑް" ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

މި މަޝްވަރާ ބައްދަލުވުމުގައިވަނީ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް ދާނެގޮތާއި، މަޝްރޫޢުގެ އޮނިގަނޑާބެހޭ ތަފްސީލްތަކާއި، ޙާޞިލްކުރަން ބޭނުންވާ ނަތީޖާއާއި، ޢަމަލީ މަސައްކަތުގެ ފެންވަރު ބެލެހެއްޓުމަށް މަސައްކަތް ކުރާނެގޮތްތަކާއި، މާލީ ކަންކަމުގެ ތަފްޞީލްތައް ބައިވެރިންނާއި ޙިއްސާކޮށްފައެވެ.

މީގެއިތުރުން މި މަހުގެ ތެރޭގައި ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ސިޔާސަތާބެހޭ މަޢުލޫމާތު ޙިއްސާކުރުމާއި، މިފަދަ ސިޔާސަތެއްގެ ސަބަބުން ފެނާއި ނަތުދަމާގެ ދާއިރާއަށް ލިބިގެންދާނެ ކުރިއެރުންތަކާބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ހަތަރު ރަށެއްގެ ފެނުގެ ނިޒާމާއި، ސާޅީސް ފަސްރަށެއްގެ ބޯފެން ރައްކާކުރުމުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީވުމާއި، ދާއިރާއާގުޅުންހުރި އޮނިގަނޑު ހަރުދަނާކުރުމާއި، މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީންކުރުންމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާތައް ކޮށްފައެވެ.

ހަތަރު ރަށުގެ ފެނުގެ ނިޒާމު ޑިޒައިން ކުރުމުގެ މަސައްކަތްތައް މިމަހުގެތެރޭގައި ނިންމާ ޢަމަލީ މަސައްކަތް ކުރާނެ ފާރާތެއް ހޯދުމަށް ސެޕްޓެމްބަރމަހު ޢިއުލާން ކުރާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި ސާޅީސް ފަސް ރަށުގެ، ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް 2018 ވަނަ އަހަރަށް ނިމޭނެކަމަށް މިނިސްޓްރީއިން ވަނީ ލަފާކޮށްފައެވެ.

ގްރީން ކަލްއިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ހިންގާ މި ޕްރޮޖެކްޓަކީ ތޭވީސް ޕޮއިންޓް ހައެއް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ. މި ޕްރޮޖެކްޓް ގެ މަސައްކަތް އުސޫލާއި އެއްގޮތަށް ކުރިއަށް ގެންދޭތޯ ބެލުމާއި، ޖީ.އެސް.އެފްއަށް ހުށައަޅަންޖެހޭ ރިޕޯޓްތައް ހުށައެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޔޫއެންޑީޕީގެ ފަރާތުންނެވެ.