ޚަބަރު

އިލެކްޓްރީޝަނުން ތަމްރީނުކުރުމަށް ހުޅުވާލައިފި


ފަނަރަސަތޭކަ އިލެކްޓްރީޝަނުން ތަމްރީނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ މަސައްކަތްތެރި ޒުވާނުން ތަމްރީނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ފެނަކަ ކޯފަރޭޝަން ލިމިޓެޑާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިންޖީނުގެތަކަށް ބޭނުންވާ ތަމްރީނު ލިބިފައިވާ އިލެކްޓްރީޝަނުން ބިނާކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. 

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިކޯހުގެ ބައިވެރިން ކޯސް ފުރިހަމަ ކުރާނީ ރަށުގައި ތިބެގެން އޮންލައިންކޮށެވެ. އަދި ޕްރެކްޓިކަލް ބައިތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަތޮޅު ތަކަށް ބަހާލައިގެން އަތޮޅުގެ ކޮންމެވެސް ރަށަކަށް ކޯހުގެ ބައިވެރިން ގެންގޮސްގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. 

ސެޓްފިކެޓް ލެވެލް 3 ގެ މި ކޯހަކީ ހަ މަސްދުވަހަށް ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ ހަތާވީހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މި ކޯހުގެ ޝަރުތަކުގެ ތެރޭގައި ގްރޭޑް 6 ފުރިހަމަކޮށްފައިވުން ނުވަތަ ލެވެލް 2 ގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން ހިމެނެއެވެ. އަދި 18 އަހަރު ފުރިފައިވުމާއި އިނގިރޭސި، ދިވެހި ބަހުން ލިޔަންކިޔަން ދަންނަ ފަރާތަކަށްވުންވެސް ހިމެނެއެވެ. މި ކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހުއެވެ. 

ފީ އަކާއިނުލައި ކުރިއަށްގެންދާ މިކޯހުގައި ބައިވެރިވުމުގެ ފޯމު ދޫކޮށް ބަލައިގަންނާނީ މޯލްޑިވްސް ޕޮލިޓެކްނިކާއި އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތަކުންނާއި، އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބްރާންޗް ތަކުންނާއި ރަށު ކައުންސިލްތަކުންނެވެ.