ޚަބަރު

މަޖިލީހުގެ 4 މެމްބަރެއްގެ ޕާސްޕޯޓް ހިފަހައްޓައިފި


ރައްޔިތުންގެ މަޖިލީހުގެ 4 މެމްބަރެއްގެ ޕާސްޕޯޓް ކޯޓް ޢަމުރުގެ ދަށުން ހިފަހައްޓައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާގެ ޕާސްޕޯޓް ކޯޓް ޢަމުރެއްގެ ދަށުން ހިފަހައްޓާފައިވަނީ، މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެޓީވީން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ބޭރުކޮށް، ޤާނޫނީ ސަރުކާރު ވައްޓާލުމަށާއި، ޣައިރު ޤާނޫނީ ޢަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭގޮތައް ވާހަކަދައްކާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

މުސްތަފާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މި ތުހުމަތުތަކަށް ފިލައިގެން ރާއްޖެއިން ބޭރަށް ދާން އުޅޭކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ކޯޓް ޢަމުރުގައި ބަޔާންކޮށްފައިވެއެވެ. މުޙައްމަދު މުސްތަފާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ 610 ވަނަ މާއްދާގެ (ހ) ގެދަށުން ރަޔަޓްކުރުމާއި، ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން އުޅުމާއި، އެއިން ކަމަކަށް އެހީތެރިވެދިނުމަކީ ކުށެއްކަމަށް ބަޔާންކުރާ މާއްދާއަށް ރިޢާޔަތްކޮށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފާއި، ނޮޅިވަރަމް ދާއިރާމެ މެމްބަރު ޙުސެއިން އަރީފްގެ ޕާސްޕޯޓްވެސް ހިފަހައްޓާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި 3 މެމްބަރުންގެ ޕާސްޕޯޓް ހިފައްހައްޓާފައިވަނީ ސަލާމަތީ ބާރުތަކުގެ ސަފްތައް ފޫއަޅުވާލައި ޤަވާއިދާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަތް މައްސަލައިގައެވެ.