ޚަބަރު

"ސުޕްރީމްކޯޓުގެ ހުކުމް އަމިއްލަ މެމްބަރުންނަށްވެސް ހިނގާނެ"


އަމިއްލަ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވިނަމަވެސް، ސުޕްރީމް ކޯޓްގެ ޙުކުމަށްފަހު ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުން ވަކިވާނެކަމަށް ދައުލަތުން ސުޕްރީމް ކޯޓްގައި ބުނެފިއެވެ.

ދައުލަތުން މިހެން ބުނެފައިވަނީ ޕީޕީއެމުން ސުލޫކީ ފިޔަވަޅު އަޅައި، ޕާޓީން ވަކިކުރުމާގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި، ހއ.ދިއްދޫ ފުނަމާގޭ، ޢަބްދުއްލަތީފް މުޙައްމަދު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައެވެ.

މިއަޑުއެހުމުގައި ޢަބްދުއްލަތީފްގެ ވަކީލް ވިދާޅުވީ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން ވަކިވާނެކަމަށް ކަނޑައަޅައި ކުރި ޙުކުމުގައި ބަޔާންކޮށްފައިވަނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި އިންތިޚާބުވި މެމްބަރުންގެ ވާހަކަކަމަށެވެ. އަދި ޢަބްދުއްލަތީފް މުޙައްމަދު މަޖިލީހުގެ މެމްބަރުކަމަށް އިންތިޚާބުވެފައިވަނީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައިކަމުން، ސުޕްރީމް ކޯޓްގެ މިޙުކުމް އޭނާގެ މައްޗަށް ތަންފީޛް ނުކުރެވޭނެކަމަށް ޢަބްދުއްލަތީފްގެ ޤާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ޖުލައި 13 ވަނަ ދުވަހު ކުރި ޙުކުމްގައިވަނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެމްބަރަކު، އިންތިޚާބުވި ޕާޓީގެ ފިކުރު ދޫކޮށް، އެހެން ފިކުރަކަށް ތާއީދު ކުރުމަކީ ރައްޔިތުން އެމެމްބަރަކު އިންތިޚާބުކުރި މަޤްޞަދު ގެއްލިގެންދާނެކަމަކަށްވާތީ، އިންތިޚާބުވި ޕާޓީގެ މެމްބަރަކު ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެކަމަށެވެ.

ޢަބްދުއްލަތީފްގެ ފަރާތުން ހުށަހެޅި މި ޤާނޫނީ ނުކުތާއަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ޙުކުމްގައި އެހެން ބަޔާންކޮށްފައިވީނަމަވެސް ސުޕްރީމް ކޯޓްގެ ޙުކުމް އިއްވިއިރު އެމެމްބަރަކު ހުރީ ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައިކަމަށްވާނަމަ، އެޕާޓީއަކުން އޭނާ ވަކިކޮށްފިނަމަ، ގޮނޑި ގެއްލޭނެކަމަށް ދައުލަތުން ޤަބޫލުކުރާކަމަށެވެ.

ސުޕްރީމް ކޯޓްގެ ޙުކުމުގެ މަޤްޞަދު ފުރިހަމައަށް ޙާޞިލްވާނީ މިގޮތަށް އުސޫލު ހަމަޖެހިފައި އޮތުމުންކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓްގެ ޙުކުމް ކުރިއިރު ޢަބްދުއްލަތީފް މުޙައްމަދު ހުރީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައިކަމުން، އޭނާ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވީކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ރަނގަޅަށްކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ޢަބްދުއްލަތީފް މުޙައްމަދުގެ ފަރާތުންވަނީ ސުޕްރީމް ކޯޓްގެ ޙުކުމުގެ ކުރިން، 19 ޖޫން 2017 ވަނަ ދުވަހު އޭނާޕީޕީއެމުން ވަކިކުރަން އެޕާޓީން ނިންމާފައިވާކަމަށްބުނެ ޕީޕީއެމުން އޭނާއަށް ފޮނުވާފައިވާ ސިޓީއެއް ޝަރީޢަތުގެ މަޖިލީހަށް ހުށައަޅާފައެވެ. އެހެންނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ، އޭނާ ޕީޕީއެމުން ވަކިކުރިކަން ޕީޕީއެމުން އިލެކްޝަނަށް ހުށައަޅާފައިވަނީ ޖުލައި 18 ވަނަ ދުވަހުކަމުން، ޖުލައި 13 ގައި ސުޕްރީމް ކޯޓުން އިއްވި ޙުކުމް އޭނާގެ މައްޗަށް ހިނގާނެކަމަށް ޤަބޫލުކުރާކަމަށެވެ.

ޢަބްދުއްލަތީފް މުޙައްމަދުގެ ފަރާތުންވަނީ، މިމައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އޭނާއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ޒިންމާތައް އަދާކުރުމުގެ ފުރުޞަތު ދިނުމަށާއި، މެމްބަރަކަށް ލިބިދޭ އިމްތިޔާޒްތައް އޭނާއަށް ލިބިދޭންޖެހޭގޮތަށް ވަގުތީ ޢަމުރެއް ނެރެދިނުމަށް އެދިފައެވެ.