ޚަބަރު

ޔާމީން މަރާލުމުގައި ސިޔާސީ ފަރާތެއްގެ އަތެއް ނެތް- ފުލުހުން


މިދިޔަ އޭޕްރީމް މަހުގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، އައްޑޫސިޓީ ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދުގެ މަރުގައި ސިޔާސީ އެއްވެސް ފަރާތެއްގެ އަތެއް އޮތްކަން ތަޙްޤީޤަށް އެނގިފައިނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތުދެއްވަމުން، ފުލުހުން ބުނީ ޔާމީން ރަޝީދުގެ މަރުގައި ބައިވެރިވި 8 މީހުންވެސް ހައްޔަރުކޮށް، ދައުވާކުރުމަށް ހުށައަޅާފައިވާކަމަށެވެ. އެ 8 މީހުންގެ ފޮޓޯއާއި މައުލޫމާތު ފުލުހުން ވަނީހާމަކޮށްފައެވެ.

img:http://s1.psmnews.mv/images/660x400/15022809542580.jpg|ޔާމީން ރަޝީދުގެ މަރާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުން-

އެގޮތުން ޔާމީން ރަޝީދު މަރާލިރޭ ބަޔަކު އޭނާއަށް ފާރަލި ކަމަށާއި، އޭނާ ދިރިއުޅޭ ގެޔަށް މި އަށްމީހުންގެ ތެރެއިން 2 މީހަކު ވަދެ ހަމަލާދިނުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ފުލުހުން ބުނެއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވާ 8 މީހުން ޤަބޫލުކުރާ ގޮތުން ޔާމީން ރަޝީދަކީ ދީނަށް ފުރައްސާރަކުރާ މީހެއްކަމަށާއި، މި އަށް މީހުންނަކީ އެފަދަ ކަންކަމާމެދު ހަރުކަށި ވިސްނުމެއް ގެންގުޅޭ ބައެއްކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މި ކަމުގައި ސިޔާސީ އެއްވެސް ފަރާތެއް ނުވަތަ އެއްވެސް ޖަމިއްޔާ ޖަމާޢަތެއްގެ އަތެއް އޮތްކަމަށް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

img:http://s1.psmnews.mv/images/660x400/15022815819489.jpg|ޔާމީން ރަޝީދުގެ ހަށިގަނޑަށް ހަމަލާދީފައިވާގޮތް ދައްކުވައިދޭ ފޮޓޯއެއް- ފުލުހުން ބުނީ ޔާމީން މަރާލުމުގައި ބައިވެރިވެފައިވާމީހުންނަކީ، ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރަށް ތާއީދުކުރާ ބައެއްކަން ތަޙްޤީޤަށް އެނގިފައިވާކަމަށާއި، މިމީހުން މިކަން ކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި، އަމިއްލައަށް ރާވައިގެންކަން ތަޙްޤީޤަށް އެނގިފައިވާކަމަށެވެ.ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތަޙްޤީޤަށް އެންމެ ޒަމާނީ އުކުޅުތަކާއި ހުނަރު ފުލުހުން ބޭނުންކޮށްފައިވަކަމަށާއި، މިމައްސަލަ ތަޙްޤީޤް ކުށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ ސީދާ އެންގެވުމުގެ ދަށުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްކޮށް ހުންނަވައި، ދިވެހި ފުލުހުންގެ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައިގައި ލިބިފައިވާ ވީޑިއޯތަކުން ފެންނަ މީހުންނަކީ ކޮބައިކަން ދެނެގަތުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދާފައިވާކަމަށާއި، ތަޙްޤީޤް ކުރިއަށްގެންގޮސްފައިވަނީ ޕްރޮފެޝަނަލްކޮށްކަމަށް ފުލުހުން ބުނެއެވެ. އަދި މި މިމައްސަލައިގެ ހެކި ނައްތާލުމަށް ފުލުހުން މަސައްކަތްކޮށްފައިވާކަމަށް ދެއްކި ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ. އަދި ތަޙްޤީޤް ކުރިއަށްދިޔަ ވަގުތު ބައެއް ފަރާތްތަކުން ތަޙްޤީޤަށް ހުރަސްއެޅޭގޮތަށް ޢަމަލުތައްބަހައްޓާފައިވާކަން ފުލުހންވަނީ ފާހަގަކޮށްފައެވެ.



--------

ޔާމީން ރަޝީދުގެ މަރާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކެއް ހާމަކުރުމަށް ފުލުހުން ބާއްވާ ޚާއްޞަ ޕްރެސްކޮންފަރެންސްގެ ލައިވް އަޕްޑޭޓް:-

--------

16:59: ޔާމީން ރަޝީދު މަރާލި މީހުންވަނީ 2 ބަޔަކަށް ބެހިފައި. އެއްބަޔަކު ފާރަލިއިރު، އަނެއްބަޔަކުވަނީ ޢަމަލީގޮތުން އޭނާ މަރާލުމުގައި ބައިވެރިވެފައި - ވީޑިއޯ ޕްރެޒެންޓޭޝަން

- ޔާމީން ރަޝީދު މަރާލުމުގައި ޢަމަލީގޮތުން ބައިވެރިވި މީހުންގެ އިރުރަށް މިކަމުގެ އަޑީގައި ބަޔަކު ތިބިކަމުގެ މަޢުލޫމާތު ފުލުހުންނަށްވަނީ ލިބިފައި. އެމައްސަލަ ވަކިން މިގެންދަނީ ތަހްޤީޤްކުރަމުން

img:http://s1.psmnews.mv/images/660x400/14931348354647.jpg|މަރާލަފައި އޮއްވައި ފެނުނު ޔާމީން ރަޝީދު

16:57 - ޔާމީން ރަޝީދު މަރާލުމުގައި އެއްވެސް ސިޔާސީ މީހެއް ނުވަތަ ޖަމާޢަތެއްގެ ބައިވެރިވުމެއް ނެތް - ވީޑިއޯ ޕްރެޒެންޓޭޝަންސ

16:57 - ޔާމީން މަރާލިމީހުން އެ ޖަރީމާ ހިންގީ އޭނާ އިސްލާމްދީނަށް ފުރައްސާރަކުރާކަމަށްބުނެ. އެހެންނަމަވެސް އެޖަރީމާ ހިންގިމީހުންނަކީ ދީނީގޮތޮރުން ވަކިގޮތަކަށް ކަމެއް ކަނޑައެޅުމުގެ އެއްވެސް ޢިލްމީ ޤާބިލުކަމެއް ލިބިފައިވާބައެއްނޫން - ވީޑިއޯ ޕްރެޒެންޓޭޝަން

16:52 - ޔާމީނަށް ފާރަލަމުން ދިޔަމީހުން ޔާމީން އެރޭ ގެއަށްވަނުމުގެކުރިން އޭނާ ދިރިއުޅޭގޭގެ ސީޓީވީގެ ޑައިރެކްޝަން ބަދަލުކޮށް އޭނާ މަރާލުމަށް ތައްޔާރުވަމުންދިޔަ -  ވީޑިއޯ ޕްރެޒެންޓޭޝަން

16:50 - ޔާމީން ރަޝީދު މަރާލިރޭއޭނާއަށް ފާރަލަމުން ބަޔަކު ދިޔަ – ވީޑިއޯ ޕްރެޒެންޓޭޝަން

16:46 - މިވިޑިއޯގައި ޔާމީންމަރާލި ޙާދިސާއާގުޅޭ ބައެއް ވީޑިއޯއާއި، ތަހްޤީޤް ޓީމުން ތައްޔާރުކޮށްފައިވާގްރެފިކްއާއި، ސީސީޓީވީ ފްޓޭޖު ހިމަނާފައިވޭ.

16:45 - ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހްޤީގާ ގުޅޭ ޚާއްސަ ވީޑިއޯއެއް މިހާރު ގެންދަނީ ދައްކަމުން.

16:35 - ފުލުހުން ކުރިއަށްގެންދާ ތަހްޤީގަކަށް ހުރަސްއެޅޭނެ، ނުވަތަ ތަހްޤީގުގެ މިސްރާބު އެހެން މިސްރާބަކަށް ގެންދިއުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސްކުރަން

- ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ބައެއް ހެކި ނައްތާލުމަށް ފުލުހުން މަސައްކަތްކުރިކަމަށް ދެކެވޭ ވާހަކަތަކީ ހަޤީގަތާ ޚިލާފު ވާހަކަތަކެއް. މިމައްސަލައާގުޅިގެން ފުލުހުންނަށް ހޯދުނު ހުރިހާ ހެއްކަކާއި ޤަރީނާއެއް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ވާނީ ފޮނުވާފައި

ތަފާތު 3 ފަހަރެއްގެ މަތިން ޔާމީން ރަޝީދުގެ ޢާއިލާއާ ބައްދަލުކޮށް ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްޤީގާ ބެހޭ މަޢުލޫމާތު ދީފައިވާނެ

ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން މަސްވެރިންގެ ޕާކާއި، އެޕާކް ހިމެނޭ ސަރަޙައްދުގެ ފަޅުތެރެއާއި، ބޮޑުތަކުރުފާނު މަގު މޭރީބްރައުންއިން ފެށިގެން ވިލާ ކޮލެޖާއި ހަމައަށްވާ ސަރަޙައްދުގެ ފަޅުތެރެއާއި، މާލޭ ފަތާ ޓްރެކް ސަރަޙައްދުގެ ފަޅުތެރެ ބަލައިފާސްކޮށްފައިވާނެ

ޔާމީޏް ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ ތަހްޤީގުގައި ތަފާތު 4 ޤައުމެއްގެ ފުލުހުންގެ އެހީތެރިކަން މިހާތަނަށްވާނީ ހޯދާފައި

ފުލުހުންނަކީ މައްސަލައެއްގެ އަސްލު ނަތީޖާނޫން އެހެން ނަތީޖާއެއް ނެރެން މަސައްކަތްކުރާނެ މުއައްސަސާއެއްނޫންކަމުގެ ޔަޤީންކަން އަރުވަން