ކުޅިވަރު

ފޯސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންސް ޓްރޮފީ ފަށައިފި


ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރާ ފޯސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންސް ޓްރޮފީ އިއްޔެ ހަވީރު ފަށައިފިއެވެ. މުބާރާތް ފަށްޓަވައިދެއްވީ އެންވާރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމްއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ މިފަދަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގައިތިބި ޒުވާން ރާޅާއެޅުންތެރިންނަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށާއި، ޚާއްސަކޮށް ބައިނަލްއަޤްވާމީ ފެންވަރުގެ މިފަދަ މުބާރާތްތައް ރާއްޖޭގައި ބާއްވާކަމީ އެކަމާ އުފާކުރައްވާ ކަމެއްކަމަށެވެ. އެކަމަށްޓަކައި މިމުބާރާތް އިންތިޒާމް ކުރާ ފޯ ސީޒަންސް މޯލްޑިވްސްއަށް މިނިސްޓަރ ޝުކުރު އަދާކުރައްވިއެވެ.

img:http://s4.psmnews.mv/images/660x400/15022507819813.jpg|މިނިސްޓަރ ތާރިޤް މުބާރާތް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަނީ: ފޮޓޯ-ޕީއެސްއެމް

ފޯސީޒަންސް މޯލްޑިވްސް ކުޑަހުރާގެ ޖެނެރަލް މެނޭޖަރ ރޭންޑީ ޝިމަބުކޫ ވިދާޅުވީ އެތައްބައިވަރު ޗެމްޕިއަނުންނާއެކު ބާއްވަމުން އަންނަ މިމުބާރާތަކީ އެރިޒޯޓުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ. އެކަމުގައި ރިޒޯޓްގެ މުވައްޒަފުންގެ އިތުރުން ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ. ޚާއްސަކޮށް މިފަދަ މުބާރާތެއް ބާއްވަން ރާއްޖެއަކީ ވަރަށް ހިތްގައިމު ތަނަކަށްވެފައި، ޕްރޮފެޝަނަލް ރާޅާ އެޅުންތެރިން މިމުބާރާތަށްދޭ ޝާއިޤުވެރިކަން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ މިފަހަކަށް އައިސް ރާޅާ އެޅުމުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ކުޅަދާނަ ރާޅާ އެޅުންތެރިޔާ އިސްމާޢީލް މިޤްލާލް ނުވަތަ ކުޑަ އިއްސެއެވެ. އިއްސެ ބުނީ މިފަދަ މުބާރާތްތައް ގިނަގިނައިން ބޭއްވުމަކީ މި ކުޅިވަރަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، ނަމަވެސް ހިތާމަޔަކީ މިފަދަ މުބާރާތްތަކަށް އެންމެ ރަނގަޅަށް ތައްޔާރު ނުވެވުން ކަމަށެވެ. ޚާއްސަކޮށް މުބާރާތަށް ޕްރެކްޓިސް ކުރާނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި ނެތްކަމަށް އޭނާ ބުންޏެވެ.

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ތާޖް ބޮރޯ ބުނީ ރާއްޖޭގެ ރާޅު ޕޮއިންޓްތަކަކީ އަބަދުވެސް ތަޖުރިބާ ކޮށްލަން ބޭނުންވާ ޕޮއިންޓްތަކެއް ކަމަށެވެ. މިމުބާރާތުގައި މުޅިން އަލަށް ވާދަކުރާ ބްރެޒިލްގެ އެއްވަނަ އަންހެން ރާޅާ އެޅުންތެރިޔާ މާޔާ ގެބެއިރާ ބުނީ ދިވެހިރާއްޖެއަކީ ރާޅާ އަޅަން އެންމެ ހިތްގައިމު އެއް މަންޒިލް ކަމަށެވެ. މިފަދަ މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ލިބުނީތީ އުފާކުރާކަމަށް މާޔާ ބުންޏެވެ.

މާޔާގެ އިތުރުންވެސް މިމުބާރާތުގައި ވާދަކުރާ ބައިވެރިންގެ ތެރޭގައި އޮސްޓްރޭލިޔާގެ ރޮބް މަކާޑޯ، އެމެރިކާގެ ރޮސް ވިލިއަމްސްއާއި ސީޖޭ ހޮބްގުޑް ފަހަގަކޮށްލެވެއެވެ. ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާ ފަރާތަކަށް ފަންސްވީސްހާސް އެމެރިކާ ޑޮލަރު ދިނުމަށްވަނީ ހަމަޖެހިފައެވެ. މީ މުބާރާތް ފޯ ސީޒަންސް މޯލްޑިވްސް ކުޑަހުރާއިން ބާއްވާ ހަތްވަނަ އަހަރެވެ.