ކުޅިވަރު

19 އަހަރުން ދަށުގެ ޓީމްގެ ކޯޗަކަށް ސާންތި


19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗަކަށް އިހުސާން އަބްދުލް ޣަނީ، ސާންތި ހަމަޖައްސައިފިއެވެ. 

މިސިޒަންގެ މާލޭ ލީގުގެ ނިޔަލަށް އީގަލްސްއަށް އިރުޝާދުދިން ކޯޗު 19 އަހަރުން ދަށުގެ ޓީމްގެ ކޯޗަކަށް ހަމަޖެއްސީ އެޓީމް ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިނުވެ، އީގަލްސްއަށް ސީޒަން ނިމުމުންނެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ 19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗަކަށް ސާންތި ހަމަޖެއްސީ މިވަގުތު ރާއްޖެއިން ލިބެންތިބި ކޯޗުންގެ ތެރެއިން އިހުސާންއަކީ އެމަޤާމަށް އެންމެ ރަނގަޅު ކޯޗަށް ވާތީކަމަށެވެ. މިހާތަނަށްވެސް އިހުސާންއަކީ ޔޫތް ކުޅުންތެރިންނަށް ވަރަށް ހާއްސަ ސަމާލުކަމެއް ދޭ ކޯޗެއްކަންވެސް ޖަވާޒް ފާހަގަކުރެއްވިއެވެ. ޤައުމީ ސީނިއަރ ޓީމްގެ ކޯޗާއި 19 އަހަރުން ދަށުގެ ޓީމްވެސް ހަވާލު ކުރުމަށް ނިންމާފައިވަނިކޮށް، އެނިންމުން އެފްއޭއެމްއިން ބަދަލުކުރީ 19 އަހަރުން ދަށުގެ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި ގައުމީ ސީނިއަރ ޓީމްގެ މެޗުތަކެއް ގާތް ގާތުގައި ކުޅެން ޖެހުމުގެ ސަބަބުންކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ. 19 އަހަރުން ދަށުގެ ޓީމްގެ އެސިސްޓަންޓް ކޯޗުންނަކީ ވެލެންސިޔާގެ ކުރީގެ ކޯޗު މުޙައްމަދު ޝާހިދުއާއި ކުލަބް އީގަލްސްގެ އެސިސްޓަންޓް ކޯޗް ޝާކިރުއެވެ. ސާންތިވަނީ އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރުކަންވެސް މީގެކުރިން އަދާކޮށްފައެވެ. ރަން މެޑަލް ހޯދި ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗުންގެ ތެރޭގައިވެސް ސާންތި ހިމެނެއެވެ.

ނަވަރާ އަހަރުން ދަށުގެ ފުޓްބޯޅަ ޓީމްގެ ޕްރެކްޓިސްތަށް މިހާރު ވަނީ ފަށާފައެވެ. ބޫޓާންގައި 19 އަހަރުން ދަށުގެ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އޮންނާނީ އަންނަ މަހުގެ ފަހުކޮޅުއެވެ.