ޚަބަރު

2016 ވަނަ 20 ހާހަށްވުރެ ގިނަ މައްސަލަ ބަލާ، ނިންމާފައިވޭ


ޝަރުޢީ ކޯޓްތަކުން އަހަރެއްގެ ތެރޭގައި ބެލި މައްސަލަތަކުގެ ޢަދަދު ފުރަތަމަ ފަހަރަށް 20،000 އަށް އަރައިފިއެވެ. 

ޝަރުޢީ ދާއިރާގެ 2016 ވަނައަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޝަރުޢީ ކޯޓްތަކުގެ ކޭޝް ކްލިއަރެންސް ރޭޓް ނުވަތަ ހުށައެޅުނު މައްސަލަތަކުގެ ނިސްބަތުން މައްސަލަ ނިންމާ ނިސްބަތް އުޅެނީ 103 އިންސައްތައިގައެވެ. މިރޭޓުން ދޭހަކޮށްދެނީ ކޯޓްތަކަށް ހުށައެޅޭ މައްސަލަތަކަކުގެ ޢަދަދަށްވުރެ ނިންމާ މައްސަލަތަކުގެ ޢަދަދު އިތުރުކަމެވެ.

2016 ވަނައަހަރުގެ ތެރޭގައި ނިންމާފައިވާ މައްސަލަތަކުގެ ޢަދަދު ޝަރުޢީ ދާއިރާގެ ތާރީޚްގައި ފުރަތަމަ ފަހަރަށް 20 ހާހަށް އަރާފައިވަނީ 2016 ވަނައަހަރުއެވެ. ޝަރުއީ ކޯތްތަކުން 2016 ވަނައަހަރުގެ ތެރޭގައި 20698 މައްސަލަ ނިންމަވާފައިވެއެވެ. މިއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު 7 އިންސައްތައިގެ އިތުރުވުމެކެވެ.

2017 ވަނައަހަރުގެ ޖޫން މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖޫން މަހުގެ ތެރޭގައި އެކަނިވެސް 921 މައްސަލަ ކޯޓްތަކަށް ހުށައެޅިފައިވެއެވެ. އަދި 913 މައްސަލަ ޖޫން މަހުގެ ތެރޭގައި ބަލައި ޙުކުމްކޮށްފައިވެއެވެ. އަދި ޖޫން މަސް ނިމުނުއިރު ކޯޓްތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ޖުމްލަ ޢަދަދަކީ 8076އެވެ. ޝަރުޢީ ދާއިރާއިން ގެންދަނީ އެކަށީގެންވާ އަވަސްމިނެއްގައި ޢަދުލުއިންސާފަށް ވާސިލުވުމުގެ މަގު ތަނަވަސްކޮށްދިނުމަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަސައްކަތްކުރަމުންނެވެ.