ކުޅިވަރު

މޮޅުވިޔަސް ރަނގަޅުކުރަންޖެހޭ ކަންތައްތައް ގިނަ - ތިނަދޫ ކޯޗު


މެޗުން މޮޅުވިނަމަވެސް އަދިވެސް ޓީމްގައި ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށް ތިނަދޫ ޓީމްގެ ކޯޗު ސްޕެއިންގެ މާޓިނޭޒް ހުއާން މެނުއަލް ބުނެފިއެވެ.

 އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި އެކެއް ސުމަކުން މާޅޮސް ބަލިކުރި މެޗަށްފަހު މާޓިނޭޒް ހުއާން މެނުއަލް ބުނީ ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭކަމަށާއި މުބާރާތުގެ ފުރަތަމަ މެޗުން ތިން ޕޮއިންޓް ލިބުމަކީ މުބާރާތުގައި ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. ކޯޗު ބުނީ ތިނަދޫ ޓީމަކީ މިފަދަ މުބާރާތްތަކަށް ވަރަށް އާ ޓީމެއް ކަމަށާއި ނަމަވެސް ޓީމްގައި ތިބި ކުޅުންތެރިންނަކީ ފުރަތަމަ ޑިވިޝަންގެ ތަޖްރިބާ ލިބިފައިވާ ކުޅުންތެރިންތަކެއްކަމަށެވެ. ތިނަދޫ ޓީމަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ވަކިވަކި ކުޅުންތެރިންނަށް ވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ކުޅެންކަމަށްވެސް ތިނަދޫ ޓީމްގެ ކޯޗު ބުންޏެވެ.

ތިނަދޫ ޓީމުގައި ގިނައީ ފުރަތަމަ ޑިވިޝަނުގައި މިއަހަރުގެ މާލޭ ލީގުވެސް ކުޅެފައިވާ ކުޅުންތެރިންނެވެ. އެގޮތުން އީގަލްސްއިން ބަދަލުވި އަހުމަދު ރިޒްވާން އާއި އިމްރާން ނަޝީދާއި އަންސަރު އިބްރާހިމާއި ވިކްޓަރީން ތިނަދޫ ޓީމަށް ގުޅުނު އަހުމަދު ނިޔާޒާއި އާދިލް އަބްދުއްރަހްމާން ފާހަގަކޮށްލެވެއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ތިނަދޫ ވާދަކުރާ ދެވަނަ މެޗުގައި އެޓީމް ނިކުންނާނީ ގްރީން ސްޓްރީޓާ ދެކޮޅަށެވެ.