ކުޅިވަރު

ފުރަތަމަ މެޗުގެ ނަތީޖާ ގޯހެއް ނޫން - މާޅޮސް ޓީމް


ފުރަތަމަ މެޗުން ބަލިވިނަމަވެސް މެޗަކަށް ފަހު މެޗެއް މާޅޮސް ޓީމް ރަނގަޅުވަމުންދާނެކަމަށް ކޯޗް އަލީ ނިޝްތާރު ބުނެފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ތިނަދޫއާއި ވާދަކޮށް އެކެއް ސުމަކުން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނިޝްތާރު ބުނީ މާޅޮސް ޓީމުން މިމެޗަށް ތައްޔާރުވެފައިވާ މިންވަރާ އަޅާބަލާއިރު، ނަތިޖާ ގޯސް ނޫންކަމަށެވެ. މި މެޗާއި ހަމައަށްވެސް ޓީމަށް ކުރެވިފައިވަނީ ވަރަށް މަދު ޕްރެކްޓިސްތަކެއް ކަމަށާއި ތިނަދޫ ޓީމްގެ ކުޅުންތެރިންނާއި އަޅާބަލާއިރު، މާޅޮސް ޓީމްގެ ފަރާތުން ފެނުނު ކުޅުން ގޯސްނޫންކަމަށްވެސް މާޅޮސް ޓީމްގެ ކޯޗް އަލީ ނިޝްތާރު ބުންޏެވެ. މިމެޗުން ޓީމުން ރަނގަޅު ކުރަންޖެހޭ ވަރަށް ބައިވަރު ކަންތައްތައް ފެނިގެން ގޮސްފައިވާކަމަށްވެސް މާޅޮސް ޓީމްގެ ކޯޗް ބުންޏެވެ.

މާޅޮސް ޓީމްގައި ހިމެނޭ ފުރަތަމަ ޑިވިޝަނަށް ކުޅެފައިވާ ކުޅުންތެރިންނަށް ބަލާއިރު ވެލެންސިއާ އާއި އީގަލްސް އަށް ކުޅުނު މުނޯޒުއާއި ވެލެންސިއާ އިން މާޅޮހާއި ގުޅުނު އަބްދުލްވާހިދު އިބްރާހިމް އާއި ނިއުގެ ކުރީގެ ކެޕްޓަން އަހުމަދު މުހައްމަދުގެ އިތުރުން ވިޔަންސާ އިން ފާހަގަވި އަބްދުﷲ އިބްރާހިމް ފާހަގަކޮށްލެވެއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޅޮސް ކުޅޭ ދެވަނަ މެޗުގައި މިއަންނަ ހުކުރު ދުވަހު ހަވީރު އެޓީމް ނިކުންނާނީ މިލަންދޫއާ ދެކޮޅަށެވެ.