ކުޅިވަރު

ޕްރެޝަރަށް ދިޔައީ ފުރުޞަތުތަކެއް ބޭނުން ނުކުރެވުމުން - ޞޮބާ


ޓީމް ޕްރެޝަރަށް ވެއްޓެން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ލަނޑު ޖަހާނެ އެތައް ފުރުޞަތެއް ލިބި، އޭގެ ބޭނުން ނުކުރެވުން ކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗް ސޮބާޙް މުޙައްމަދު ބުނެފިއެވެ. 

މިއަދު ވަހީދު ށ. މިލަންދުއާ ވާދަކޮށް މޮޅުވި މެޗަށްފަހު ސޮބާ ބުނީ އެއްވެސް ހާލެއްގައި އަންޑަރއެސްޓިމޭޓް ކުރީ ނޫން ކަމަށާއި، ފުރުޞަތު ތަކުގެ ބޭނުން ނުހިފުމުން ޓީމް ހަމަޔަކަށް ނޭޅުނީ ކަމަށެވެ. އުއްމީދު ކުރާގޮތަށް ހުރިހާ ދުވަހަކު ކާމިޔާބެއް ނުލިބޭނެ ކަމަށާއި، ނަމަވެސް އަމާޒަށް ވާސިލްވެވުނީތީ ހިތްހަމަޖެހޭ ކަމަށް ޞޮބާ ބުންޏެވެ. ޕްރިމިއަރ ލީގުގެ ރޭހުގެ ތެރެއަށް ވަދެވުނީތީ އެކަމަށް ޝުކުރު އަދާކުރާކަމަށް މިއަދުވެސް ގްރީންގެ ކޯޗް ސޮބާޙް މުޙައްމަދު ބުންޏެވެ..

މިނިވަން ޗެމްޕިއަންޝިޕްގެ ސެމީފައިނަލްގައި ވާދަކުރި ށ.މިލަންދޫ ޓީމްގެ އެސިސްޓެންޓް ކޯޗް މުޙައްމަދު ނާސިރު ބުނީ މިނިވަން ޗެމްޕިއަންޝިޕަށްފަހު މިހާތަނަށް މިކުރީ ދެ ޕްރެކްޓިސް ކަމަށާއި މިވަރުގެ ނަތީޖާއަކުން ނިންމާލެވުމަކީ ލިބުނު މޮޅެއް ކަމަށެވެ. ގްރީން ސްޓްރީޓްސްއަކީ މާލޭ ލީގުގެ ދެވަނަ ޓީމް ކަމަށާއި، އެޓީމަކީ ހުރިހާ ގޮތަކުންވެސް ފިޓް ޓީމެއް ކަމަށް ކުރީގެ ޤައުމީ ޑިފެންޑަރު ބުންޏެވެ. މިލަންދޫ ޓީމްގެ ކުޅުންތެރިންގެ ފިޓްނަސް ލެވެލްވެސް އަދި ވަރަށް ދަށް ކަމަށާއި، ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި އެކަންކަން ރަނގަޅުކޮށް މިއަށްވުރެ ރަނގަޅު ފައިޓެއް ދެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ތަޖުރިބާއަކީ ވަރަށް މުހިންމު އެއްޗެއްކަމަށާއި މަދު ކުޅުންތެރިއެއް ފިޔަވާ ޓީމްގައި ގިނައީ ގަލޮޅު ދަނޑަށް އާ ކުޅުންތެރިން ކަންވެސް ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ. ނަމަވެސް އުއްމީދަކީ ލީގު ކުރިޔަށްދާ ވަރަކަށް އެތަޖުރިބާ ކުޅުންތެރިންނަށް ލިބުން ކަމަށް ނާސިރު ބުންޏެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ގްރީންސް ސްޓްރީޓްސްއާއި މިލަންދޫ ބައްދަލުކުރި މެޗް ގްރީން ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުންނެވެ.