ޚަބަރު

"ބަހަބޯ" ގެ ނަމުގައި އާ ކުޅިވަރެއް ތަޢާރަފްކޮށްފި


ދިވެހިބަސް ތަރައްޤީކޮށް ކުރިއެރުވުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، ދިވެހި ބަސް ހިމެނޭގޮތަށް "ބަހަބޯ" ގެ ނަމުގައި އާ ކުޅިވަރެއް ތަޢާރަފްކޮށްފިއެވެ.

މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީން އިސްނަންގައިގެން އުދެއްދި ކުޅިވަރެކެވެ.

ބަހަބޯ ކުޅިވަރަކީ ސޯޅަ ކޮޑި ނުވަތަ ޑައިސް ބޭނުންކޮށްގެން، އޭގައި ހުންނަ އަކުރުތައް ބޭނުންކޮށްގެން، ދީފައިވާ ވަކި ވަގުތެއްގައި ބަސްހަދައިގެން ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރުގައި ދޭކާއި، ތިނެއް، ހަތަރެއް އަދި ފަސް އަކުރުގެ ބަސްހެދޭނެއެވެ. ޤައުމީ ޔުނިވަރސިޓީން ބުނީ މިފަދަ ކުޅިވަރެއް ތަޢާރަފްކުރުމުގެ ބޭނުމަކީ ދިވެހިބަހަށް ޢާއްމުން ހޭލުންތެރިކުރުވާ ބަސް ދިރުވާ އާލާކުރުން ކަމަށެވެ. އެގޮތުން މިކަމަށް ޙާއްސަ ކޮމިޓީއެއް ނަގައި ބަސްތަކެއް ހަދައި، ޤަވައިދާ، ކުޅޭނެގޮތުގެ އިރުޝާދު އަދި ކުޅިވަރުގައި ބޭނުންކުރާނެ ސާމާނު ވަނީ ޑިޒައިން ކޮށްފައެވެ.

img:http://s1.psmnews.mv/images/660x400/15020267699157.jpg|ބަހަބޯ ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޔޫ

ބަހަބޯ ތަޢާރަފްކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްވަމުން، ދިވެހިބަހުގެ ބަސްކޮމިޓީގެ ރައީސް އަބްދުއްރަޝީދު ހުސައިން ވިދާޅުވީ ޒަމާނާ އެއްގޮތަށް ބަހަށް ބަދަލުއަންޖެހޭކަމަށެވެ. އެހެންނަމަވެސް އޭގެ މާނައަކީ ބަހުގެ އުސޫލުތަކަށް ބަދަލުގެނައުން ނޫން ކަމަށެވެ. އަދި ބަހަބޯ ފަދަ ކުޅިވަރުތަކަކީ މީގެކުރިންވެސް ކުޅެމުން އައި ކުޅިވަރުތަކެއްކަމަށާއި، މިހާރު އެކުޅިވަރުތައް މި ފެންނަނީ ޒަމާނާއެއްގޮތަށް ހަދާފައިވާތަންކަމަށް އަބްދުއްރަޝީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީގެ ޗީފް ލައިބްރޭރިއަން ހުސައިން ހަލީމް ވިދާޅުވީ ލައިބްރަރީ ދުވަހު މި ކުޅިވަރު ރަސްމީކޮށް ނެރޭނެކަމަށެވެ. އަދި އެދުވަހު މި ކުޅިވަރު ކުޅުމުގެ ފުރުސަތު ހުޅުވާލާ، ކުޅިވަރުގެ ޤަވާއިދާއި ކޮޑިތަކަށް ބަދަލު ގެންނަން ޖެހޭތޯ ބެލުމަށްފަހު އާއްމުންނަށް ލިބޭގެ ގޮތް ހަދާނެކަމަށެވެ.

މި ކުޅިވަރު ރަސްމީކޮށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ދިހަވަނަ ދުވަހުއެވެ. މިމަހުގެ ދިހަވަނަ ދުވަހަކީ ޤައުމީ ލައިބްރަރީ ދުވަހެވެ.