ޚަބަރު

ފުލުހުންނަށް ޙަމަލާދެނީ ސިޔާސީގޮތުން ހަލަބޮލިވާ ދުވަސްވަރު- ސީޕީ


ފުލުހުންނަށްދޭ ޙަމަލާތައް ގިނައިން ކުރިމަތިވަނީ ސިޔާސީގޮތުން ޤައުމު ހަލަބޮލިވެ ފުލުހުންގެ މުއައްސަސާ ބަދުނާމުވާގޮތަށް ވާހަކަތައް ފެތުރޭ ދުވަސްވަރުކަމަށާއި، މިއީ ތާރީޚެއް އޮތްކަމެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޑިއުޓީ އަދާކުރަމުންދަނިކޮށް ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާނަށް ޙަމަލާދީ ޒަޙަމްކޮށްލި ޙާދިސާއާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ފުލުހުންނަށް އަމާޒުކޮށް މިފަދަ ޙަމަލާތައް މީގެކުރިންވެސް ކުރިމަތިވެފައިވަނީ ސިޔާސީގޮތުން ޤައުމު ހަލަބޮލިވެ ފުލުހުންގެ މުއައްސަސާ ބަދުނާމުވާގޮތަށް ވާހަކަތައް ފެތުރޭ ދުވަސްވަރުކަމަށެވެ. އެގޮތުން 2012 ވަނައަހަރުގެ ތެރޭގައި ޕޮލިސް ސަރޖަންޓް އާދަމް ޙަލީމަށްވެސް ޙަމަލާދީ މަރާލާފައިވަނީ އެފަދަ ދުވަސްވަރެއްގައިކަން ކޮމިޝަނަރ އޮފް ޕޮލިސްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. 

img:http://s2.psmnews.mv/images/660x400/5725.jpg|ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް / ފޮޮޓޯ: ޕޮލިސް މީޑިއާ

ކޮމިޝަނަރ ވިދާޅުވީ މިދުވަސްވަރަކީވެސް ޢާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ފުލުހުން އަދާކުރަމުންދާ ޤާނޫނީ ޒިންމާއަށް ޝުކުރުއަދާކުރުމުގެ ބަދަލުގައި ސިޔާސީ މަޤްޞަދުތައް ޙާސިލުކުރުމަށްޓަކައި، ވަކިވަކި ފުލުހުންނަށް އަމާޒުކޮށް ނޭއްގާނީ ޢަމަލުތައް ހިންގަމުންދާ ދުވަސްވަރެއްކަމަށެވެ.

ފުލުހުން ކުރަނީ ޢާންމުރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްކަމުން ފުލުހުންނާއި ރައްޔިތުންނަކީ އެއް ޢާއިލާއެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރަމުންދަނީ އިސްލާމްދީނާއި، ދިވެހިޤައުމު ދެކެ ލޯބިވާ ކާބަފައިގެން ހިއްވަރުން ހިއްވަރު ލިބިގެންކަމަށާއި، ޤާނޫނީ ޒިންމާ އަދާކުރުންމަތީ ފުލުހުން ދެމިތިބޭނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި އެޒިންމާ އަދާކުރުމަށް ޢާއްމުރައްޔިތުން އެއްބާރުލުންދެއްވުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.

ޤާނޫނީ ޒިންމާ އަދާކުރަމުންދަނިކޮށް ހަމަލާދީ ޒަޚަމްކޮށްލި ކޮންސްޓަބަލް ޢަލީ ރައްޒާންގެ ހިއްވަރަށް ކޮމިޝަނަރ ވަނީ ތައުރީފްކުރައްވާފައެވެ. އަދި އެހާ ޅައުމުރުގައި ޤާނޫނީ ޒިންމާ އަދާކުރުމަށް ފަސްނުޖެހުނުކަމީ ފުލުހުންގެ ހިއްވަރު ދައްކުވައިދޭ ކަމެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.