ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ނުވަތަ ތަޅުއެޅުވުމަށް ޤާނޫނެއް ގެންނަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕް ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއަށް މެމްބަރުންތަކެއް ގުޅުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ޙަފްލާއެއްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ކުރައްވާ މަސައްކަތްތަކަކީ އެބޭފުޅުންގެ ޤައުމީ ވާޖިބު އަދާކުރުން ކަމަށެވެ. އަދި މިއަދު އެބޭފުޅުން ކުރައްވާ މަސައްކަތްތަކަށް ފާޑުވިދާޅުވެ އެބޭފުޅުންނާ ދިމާކޮށް އަނިޔާ ކުރުމަކީ ދިވެހި ރައްޔިތެއްގެ ޙައިސިއްޔަތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިއަދު ރާއްޖޭގައި އަމާން ކަމެއް ނެތްކަމަށް ކުރީގެ ރައީސްކަން ކުރައްވާ ބޭފުޅުން މިއަދު ވިދާޅުވަމުން ގެންދަވާއިރު އެބޭފުޅުންގެ ވެރިކަމުގައި ރާއްޖޭގެ ޙާލަތު އޮތް ގޮތް ބަލާލުން މާ ރަނގަޅުވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ މިއަދު ރާއްޖޭގެ ތިން ބާރުން ޤާނޫނީ ބާރު ނެގެހެއްޓުމަކީ ލާޒިމް ކަމެއް ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މުޙައްމަދުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ދަނީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް ނިހާން ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން މިއަދު ކުރައްވާ މަސައްކަތްތަކަކީ ރާއްޖޭގެ ތަރައްޤީ ހުއްޓުވާ، ދަޢުލަތް ހުއްޓުމަކަށް ގެނައުން ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ޤައުމަށް ގެނެސްދެއްވާ ތަރައްޤީ އަކީ ހަމަ ހުރެފަ ގެނެސްދެއްވާ ތަރައްޤީއެއް ނޫން ކަމަށާއި އެއީ ބުރަ މަސައްކަތާއި ޙިކުމަތްތެރިކަމުން ގެނެސްދެއްވާ ތަރައްޤީ ކަމަށެވެ.