ޚަބަރު

ވަޅީގެ ހަމަލާއަށްފަހު ރައްޒާންގެ ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް


ފުލުހުންގެ ޑިއުޓީ އަދާކުރަމުންދަނިކޮށް ހަމަލާދީ ޒަޚަމްކޮށްލި ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާންގެ ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުންދަކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރުދުވަހުގެރޭ ކ. މާފުށީގައި ހުންނަ ކަރެކްޝަނަލް ސަރވިސްގެ ޖަލަށް ވަގަށް އެއްޗިހިތަކެއް ވައްދަން މަސައްކަތްކުރި ބަޔަކު ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ޕޮލިސް ކޮންސްޓަބަލް ޢަލީ ރަޒާންއަށް ޙަމަލާދީފައިވަނީ ހ. ކުއްޅަވައްމާގޭ ޢުމުރުން 31 އަހަރުގެ އަޒްހަރު އިބްރާހީމްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ކޮންސްޓަބަލް ޢަލީ ރައްޒާން އަށް ޙަމަލާދީފައިވަނީ ވާތްފަރާތު ކޮނޑާ ދިމާލަށް ކުރިމަތިންކަމަށް ފުލުހުން ބުނެއެވެ.

މިޙަމަލާގައި ޢަލީ ރައްޒާނަށް ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗް އައިސީޔޫގައި ދަނީ ފަރުވާ ހޯދަމުންނެވެ. އަދި މި ޙަމަލާއަށްފަހު ކުރި އޮޕަރޭޝަނަށްފަހު، ކުރިން ލަފާކުރެވިފައިނެތް ގެއްލުންތަކެއް ފުއްޕާމެޔަށް ލިބިފައިވާކަމަށް އައިޖީއެމްއެޗް ޑޮކްޓަރުންނަށް ބެލެވޭތީ، ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް މިހާރު ތައްޔާރުވަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.