ކުޅިވަރު

222 މިލިއަން ޔޫރޯއަށް ނޭމާ ޕީއެސްޖީއަށް ބަދަލުވެއްޖެ


222 މިލިއަން ޔޫރޯގެ ބޮޑު އަގެއްގައި ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕެރިސް ސައިންޓް ޖަރމަންއަށް ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ނޭމާ ބަދަލުވެއްޖެއެވެ.

ގިނަދުވަސްތަކަކަށް ދެމިގެންދިޔަ ނޭމާގެ ޓްރާންސްފަރގެ ޚަބަރު ޔަގީންވީ ރޭގެ ވަގުތެއްގައި ޕީ.އެސް.ޖީ އިން ކުރި ޓުވީޓާއެކުއެވެ. އެކަލްބުން ވަނީ ނޭމާއަށް މަރުހަބާ ކިޔާ ކްލަބް ޖޯޒީގައި ނޭމާ ހުރި ފޮޓޯއެއް ޓްވީޓް ކޮށްފައެވެ.

ނޭމާ ޕީ.އެސް.ޖީއަށް ބަދަލުވެފައި މިވަނީ ހަފްތާއަކު ފަސް ސަތޭކަ ހާސް ޕައުންޑްގެ މުސާރައަކަށެވެ. މިގޮތުން ރޭގެ ވަގުތެއްގައި ނޭމާ ވަނީ ޕީ.އެސް.ޖީ އާއެކު ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ.

ބާސެލޯނާއަށް ދުވިސައްތަ ބާވީސް މިލިއަން ޔޫރޯ ނޭމާ މެދުވެރިކޮށް ޕީ.އެސް.ޖީ އިން ދައްކާފައިވާއިރު މިއީ މިދިޔަ ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑް އިން ޕޮގްބާ ހޯދުމަށް ދެއްކި ރެކޯޑް އަދަދަށްވުރެ ދެގުނައަށްވުރެވެސް ބޮޑު އަދަދެކެވެ.