ތަރައްްޤީ

މޮޓޯސައިކަލް ޕާކިންގ ސިސްޓަމް ރޭވުމުގެ މަސައްކަތް ފަށައިފި


މާލޭގައި ބަހައްޓާ މެކޭނިކަލް މޮޓޯސައިކަލް ޕާކިންގ ސިސްޓަމް ރޭވުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަހައްޓާ މެކޭނިކަލް މޮޓޯސައިކަލް ޕާކިން ސިސްޓަމް ރާވަނީ ހެންވޭރު ހީނާމާގޭ ހުސްބިމުގައެވެ. މި ސިސްޓަމަކީ 100 ސައިކަލު ޕާކުކުރުމުގެ ޖާގައިގެ ޕާކިންގ ސިސްޓަމެކެވެ.

ހީނާމާގޭ ހުސްބިމުގައި ކާރު ޕާކިންގ ސިސްޓަމެއް ބެހެއްޓުމަށްވެސް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. ކާރު ޕާކިންގ ސިސްޓަމަކީ 10 ކާރު ޕާކުކުރުމުގެ ޖާގައިގެ ސިސްޓަމެކެވެ.

މާލޭގައި މެކޭނިކަލް ޕާރކިންގ ސިސްޓަމް ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން ގާކޮށި ސަރަހައްދުގައި ދެ ސައިކަލް ސިސްޓަމާއި ކާރު ޕާރކިންގ ސިސްޓަމެއް ބެހެއްޓުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މިއަހަރު ނިމުމުގެ ކުރިން ކާރާއި ސައިކަލް ޕާކުރާ ދިހަ ސިސްޓަމްގެ މަސައްކަތް ނިންމައި އާއްމުންނަށް ބޭނުންކުރަން ހުޅުވާލާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މާލޭގެ ފުރަތަމަ ފަހަރަށް ބެހެއްޓި ކާރު ޕާކިން މެކޭނިކަލް ސިސްޓަމް ވެލާނޭގައި ސަރަހައްދުގައި ބަހައްޓާވަނީ ބޭނުންކުރަން ފަށާފައެވެ.