ޚަބަރު

"ފެހިރެސް" ޕާކާއި، "ފަހިވެނި" އިޖްތިމާޢީ މަރުކަޒު ހުޅުވައިފި


ހުޅުމާލޭގައި ޤާއިމްކުރެވުނު "ފެހިރެސް" ނެއިބަރހުޑް ޕާކާއި، "ފަހިވެނި" އިޖްތިމާޢީ މަރުކަޒު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުއްވައިދެއްވި "ފެހިރެސް" ނެއިބަރހުޑް ޕާކަކީ، ހުޅުމާލޭގެ ނެއިބަރހުޑް 3 ގައި ޤާއިމްކުރެވިފައިވާ ޕާކެކެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށާއި ހުޅުމާލެ ފެހި ކުރުމަށްޓަކައި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރަމުންދާ ތަފާތު މަސައްކަތްތަކުގެ ދަށުން، ހުޅުވިގެން މިދިޔަ ޕާކަކީ ކުޑަކުދިންގެ ޕްލޭގްރައުންޑެއްގެ އިތުރުން ހުރިހާ އުމުރު ފުރާތަކާ ގުޅުންހުރި ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެފަދަ އިންތިޒާމްތައް ހަމަޖެހިފައިވާ ތަނެކެވެ.

މިގޮތުން، މި ޕާކުގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި ކުޑަކުދިން ކުޅޭ ޕްލޭގްރައުންޑަކާއި، އައުޓްޑޯ ޖިމަކާއި، ވޮލީ ކޯޓަކާއި، ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ކޯޓަކާއި، ވޯޓަރ ޕޮންޑެއްވެސް ހިމެނެއެވެ. މީގެއިތުރުން ޕާކް ތެރޭގައި މަޑުކޮށްލެވޭ ގޮތަށް ހަދާފައިވާ ޖޯލިތަކާއި ބެންޗްތަކާއި ގްރީން ސްޕޭސްއެއް ޕާކްގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުމާލޭގައި މިރޭ ހުޅުއްވައިދެއްވި "ފަހިވެނި" އިޖްތިމާޢީ މަރުކަޒަކީ ހުޅުމާލޭ ނެއިބަރހުޑް އެކެއްގައި ޤާއިމް ކޮށްފައިވާ މަރުކަޒެކެވެ. ހުޅުމާލެއަކީ ޒުވާނުންނަށް ޚާއްޞަ ޔޫތު ސިޓީއެއްގެގޮތުގައި މި ސަރުކާރުން ތަރައްޤީ ކުރަމުން އަންނަ ތަނަކަށްވާއިރު، "ފަހިވެނި" އިޖްތިމާޢީ މަރުކަޒަކީ ޒުވާނުންނަށް ހިތްހަމަޖެހޭ އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެގޮތަށް ތައްޔާރުކުރެވިފައިވާ މަރުކަޒެކެވެ. މިއީ ހުޅުމާލޭގައި ޤާއިމްކުރެވުނު މިފަދަ ފުރަތަމަ މަރުކަޒެވެ. މިފަދަ އިތުރު މަރުކަޒުތައް ހުޅުމާލޭ ނެއިބަރހުޑް 2 އަދި 3 ގައިވެސް ޤާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ.

"ފަހިވެނި" އިޖުތިމާޢީ މަރުކަޒުގައި ބެޑްމިންޓަން ކޯޓަކާއި ޕޫލް ކުޅޭތަނަކާއި ސިނަމާއަކާއި ކެފޭއަކާއި، ޖިމެއްގެ އިތުރުން ކްލާސް ރޫމަކާއި އެކި ކަހަލަ ހަރަކާތްތައް ބޭއްވުމަށް ޚާއްޞަ ކުރެވިފައިވާ ބައިތައްވެސް ހިމެނެއެވެ.