ޚަބަރު

ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އޮތީ އުޖާލާކޮށް- ސިންގް


އެނބޫދޫ ފަޅު ހިއްކައިގެން ފަތުރުވެރިކަމުގެ ބިޔަ މަޝްރޫޢުއަކަށް އިންވެސްޓްކުރަން ނިންމީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިމަގުގެ އުޖާލާކަން ތަޞައްވަރު ކުރެވޭތީކަމަށް، ތައިލޭންޑްގެ ސިންގް އެސްޓޭޓް ޕަބްލިކް ކުންފުނިން ހާމަކޮށްފިއެވެ. 

ތައިލެންޑްގެ ޕްރޮޕަޓީ ޑިވެލޮޕްމަންޓް ދާއިރާގެ އެންމެ ކުރީސަފުގައި ޙަރަކާތްތެރިވަމުން އަންނަ ސިންގް އެސްޓޭޓް ކުންފުނިން މިގޮތަށް ހާމަކޮށްފައިވަނީ، " އެނބޫދޫ ލެގޫން މަޝްރޫޢު" އާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އެނބޫދޫ ލެގޫން މަޝްރޫޢުއަކީ އިންޓަރގްރޭޓަޑް ލެޝަރ ރެކްރިއޭޝަން ރިސޯޓްގެ ގޮތަށް ބިނާކޮށް ގިނަ ރަށްތަކެއް ހިމެނޭގޮތަށް މާލެ އަތޮޅު އެނބޫދޫ ފަޅު ހިއްކައިގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މިއީ ގާތްގަނޑަކަށް އަށްސަތޭކަ މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ. މިމަޝްރޫޢުއާއި ގުޅޭގޮތުން އެނބޫދޫ ލެގޫންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިންގް އެސްޓޭޓް ކުންފުނީގެ ޗީފް އިންވެސްޓްމަންޓް އޮފިސަރ  ޓީޓީ ތޮންގބެންޖަމަސް ވިދާޅުވީ، އެކުންފުނިން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އިންވެސްޓްކުރުމަށް ނިންމީ ވަރަށް ގިނަ ގޮތްގޮތަށް ބެލުމަށްފަހުކަމަށެވެ. އެގޮތުން ކުރި ދިރާސާތަކުން، ރާއްޖޭގެ އިޤްތިޞާދީ ކުރިމަގާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަށްދިއުމުގެ ޔަގީންކަން އޮތްކަން ހާމަވާކަމަށް ބުންޏެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާކަމަށާއި ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ބޮޑެތި އެއަރލައިންތައް ދަތުރުކުރާ ޤައުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިންގް އެސްޓޭޓް ކުންފުނިން ބުނާގޮތުގައި އެނބޫދޫ ލެގޫން މަޝްރޫޢުއަށް ބޮޑު އަދަދެއް އިންވެސްޓްކުރުމަށް ނިންމުމުގެ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުން ފަށާފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭކަމަށެވެ. މީގެ އިތުރުން ބޭރުގެ އިންވެސްޓްމަންޓްތަކަށް މިއަދު ރާއްޖޭގައި އޮތް ރައްކާތެރިކަންވެސް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ސިންގް އެސްޓޭޓް ކުންފުނިން ބުނާގޮތުގައި އެނބޫދޫ ލެގޫން މަޝްރޫޢުގެ ސަބަބުން ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހިރާއްޖެއަކީ އާއިލީ ދަތުރުތަކަށް އެންމެ ކަމުދާ މަންޒިލަށް ވެގެންދާނެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ޔޫރަޕާއި އޭޝިއާގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގެ ފަތުރުވެރިންނަށް، ދިވެހިރާއްޖެ މެދުވެރިކޮށް ފަސޭހައިން ދަތުރު ކުރުކޮށް، ޓްރާންސިޓް ކުރެވޭނޭ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. ސިންގް އެސްޓޭޓް ކުންފުނިން ލަފާކުރާގޮތުގައި އެނބޫދޫ ލެގޫން މަޝްރޫޢުއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުޅިން އާ ބާބެއް ފެށިގެންދާނެއެވެ.