ވިޔަފާރި

"މާލޭ ސްކެއާ" ގައި ބީއެމްއެލްގެ ސަރވިސް ސެންޓަރެއް ހުޅުވައިފި


އަމީނީމަގުގައި ހުންނަ ގާކޮށި ފްލެޓް ނުވަތަ "މާލޭ ސްކެއާ" ގައި ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފިއެވެ.

މާލެ ސްކެއާ ފްލެޓްގައި ޤާއިމްކުރި ބޭންކް އޮފް މޯލްޑިވްސްގެ އައު ކަސްޓަމަރ ސަރވިސް ސެންޓަރު ހުޅުވައިދެއްވީ، ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއެވެ. ކަސްޓަމަރ ސަވިސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ، އަދި މެނޭޖިންގ ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، ބީއެމްއެލްގެ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ޒަމާނީކޮށް، ވީހާވެސް ފަސޭހަ ގޮތެއްގައި ބޭންކްގެ ޚިދުމަތްތައް ފަރުމާކުރުމަކީ ބޭންކުން އެންމެ ބޮޑު އިސްކަމެއްދޭކަމެއްކަމަށެވެ. ބީއެމްއެލްގެ މި ސެންޓަރުން ބޭންކިންގގެ އަސާސީ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއިއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ލިބޭނޭކަމަށް ހީލީ ވިދާޅުވިއެވެ. މީގެ ތެރޭގައި ޗެކް ފޮތް، ޑެބިޓް އަދި ކްރެޑިޓް ކާޑަށް އެދުމުގެ ޚިދުމަތާއި މޯބައިލް ބޭންކިންގގެ އިތުރުން އިންޓަރނެޓް ބޭންކިންއަށް އެދުމުގެ ޚިދުމަތް ހިމެނެއެވެ.

މާލެ ސްކެއާ ފްލެޓްގައި ޤާއިމްކުރި ބޭންކް އޮފް މޯލްޑިވްސްގެ އައު ކަސްޓަމަރ ސަރވިސް ސެންޓަރުން ހެނދުނު އަށްގަޑި ތިރީހުން ފެށިގެން ހަވީރު ފަހެއް ޖެހުމާއި ހަމަޔަށް ޚިދުމަތްދޭނޭކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މި ސެންޓަރުގައި ބަހައްޓާފައިވާ ސެލްފްސަރވިސް މި އޭޓީއެމްތައް މެދުވެރިކޮށް ސައްވީސް ގަޑިއިރު، ޚިދުމަތް ހޯދޭނޭކަމަށް ބީއެމްއެލްއިން ބުނެއެވެ.