ތަރައްްޤީ

އެނބޫދޫ ލެގޫން މަޝްރޫޢުގެ ބިންގާ އަޅައިފި


ރާއްޖޭގައި މިހާތަނަށް ހިންގާ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫޢުކަމުގައިވާ އެނބޫދޫ ލެގޫން މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ. މިއީ 800 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ފުރަތަމަ ފިޔަވައްސަށްވެސް 300 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުކުރެއެވެ.

ތައިލެންޑްގެ ސިންގ އެސްޓޭޓް ކުންފުނިން ކުރިއަށް ގެންދާ، އެނބޫދޫ ލެގޫން މަޝްރޫއަކީ އިންޓަރގްރޭޓަޑް ލެޝަރ އެންޑް ރެކްރިއޭޝަން ޑެސްޓިނޭޝަން ރިސޯޓް ކޮންސެޕްޓް ގެ މައްޗަށް ބިނާކޮށް ގިނަ ރަށްތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. 9 ރަށުގެ މައްޗަށް އެކުލެވޭ މުޅި މަޝްރޫޢަށް 800 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފިޔަވަހީގައި 311.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.8 ބިލިއަން ރުފިޔާ ހަރަދުކުރާނެއެވެ. މި މަޝްރޫޢުގެ ބިންގާ އެޅުމަށް އެނބޫދޫ ފަޅުގައި ހިއްކާފައިވާ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ތައިލެންޑްގެ ސިންގ އެސްޓޭޓް ކުންފުނީގެ ޗެއަރމަންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި މަޝްރޫއުއަކީ، އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު ވަރަށް ރަނގަޅަށް ދައްކުވައިދޭނެ މަޝްރޫޢެއްކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާކަން ފާހަގަކުރައްވާ މިފަދަ އިންވެސްޓްމަންޓްތަކަށް ރާއްޖެއިން އަބަދުވެސް މަރުޙަބާ ކިޔާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެނބޫދޫ ލެގޫން މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ ތިން ރަށުގައި 1300 ކޮޓަރި ހިމެނެއެވެ. އަދި މި މަޝްރޫއާއެކު ޖުމްލަ 5000 އާ ވަޒީފާ އުފެދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސިންގް އެސްޓޭޓް ކުންފުނީގެ ޗެއަރމަން ވިދާޅުވީ، ރާއްޖެއަކީ ފަތުރުކަމުގެ ސިނާޢަތުން ދުނިޔޭގައި ފާހަގަކޮށްލެވޭ މަންޒިލެއްކަމަށާއި، ރާއްޖޭގައި އިންވެސްޓްކުރުމަށް ފުރުޞަތު ލިބުމަކީ އެކުންފުންޏަށް ލިބުނު ކުރިއެރުމެއްކަމަށެވެ.

މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ތިންރަށް އެކުލެވޭގޮތަށް ތްރީ-އައިލެންޑް-ރިސޯޓްސް ކޮންސެޕްޓަށް ތަރައްޤީކުރާ ރަށްތަކެއްކަމަށެވެ. މި ކޮންސެޕްޓްގައި ބައިނަލްއަގުވާމީ ފެންވަރުގެ ފުޑް އެންޑް ބެވެރެޖް ޚިދުމަތްތަކާއި، ރީޓެއިލް ފިހާރަތަކާއި، މުނިފޫހި ފިލުވުގެ ތަންތަނާއި، ރެކްރިއޭޝަނަލް ޙަރަކާތްތަކާއި، ލެޝަރ ލައިފްސްޓައިލް އެކުލެވިގެންވާ އެކިއެކި ކަންކަން އެތަންތަނުގައި ހިމެނޭނެއެވެ. އަދި ޓައުންޝިޕެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި މި މަޝްރޫޢޫގެ ދަށުން ބިނާކުރާނެއެވެ.

މި ޓައުންޝިޕްގެ މައި މަރުކަޒަކަށްވާނީ ލަގްޒަރީ އުޅަނދުފަހަރަށް ޚާއްސަ، ބައިނަލްއަގުވާމީ ފެންވަރުގެ މެރީނާއަކަށެވެ. ސްވިމިންގ ޕޫލްގެ އިތުރުން ރެސްޓޯރަންޓާއި ބީޗް ބާ ހިމެނޭނެއެވެ. މި މަޝްރޫއުގެ ތެރެއިން ސަޤާފަތް ދަސްކުރާ ސެންޓަރެއް ގާއިމުކުރާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ޓައުންޝިޕް އާއި ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2018 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރ ގައި ފުރިހަމަވާނޭކަމަށް ލަފާކުރެވޭއިރު، ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ދެވަނަ ފިޔަވަހި ފުރިހަމަކުރުމަށް ވަނީ ކަނޑައަޅާފައެވެ.