ޚަބަރު

"މަޖީދީމަގު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރުމަހު ނިމޭނެ"


މަޖީދީމަގު މަރާމާތުކުރުމުގެ މަސައްކަތް މުޅިން ނިންމައި އަންނަ ނޮވެމްބަރުމަހު މުޅި މަޖީދީމަގު ޢާންމުކޮށް ހުޅުވާލާނެކަމަށް ހައުސިނގ މިނިސްޓަރ ވިދާޅުވެއްޖެއެވެ. 

މަޖީދީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑު އިރުމަތިން ފެށިގެން ސޯސަންމަގު ހުރަސްކޮށް އޮންނަ ސަރަޙައްދެވެ. 

މާލޭގެ މަގުތައް ތަރައްޤީކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމާފައިވަނީ މަގުތައް ހަލާކުވެ، ދުއްވާ އެއްޗިއްސާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާތީ އެކަން ޙައްލުކުރުމަށެވެ. މަޖީދީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ދުވާރުގައި ޖަހާފައިވާ ގާތައް ބަދަލުކުރުމާއި، މަގުގެ ގާތައް އެއްވަރުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތަށް ދުވާރުތަށް ބަދަލުކުރުން ހިމެނެއެވެ. ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މަސައްކަތް މެދުކަނޑާލާފައި އޮތުމަށްފަހު އޮގަސްޓްމަހުގެ އެއްވަނަ ދުވަހު މަސައްކަތް ފަށާނެކަމަށެވެ.

ނުވަ ސެގްމެންޓަށް ބަހާލއިގެން މަރާމާތުކުރާ މަޖީދީމަގުގެ މަސައްކަތުގައި މިހާރު ނުނިމި އޮތީ ގަލޮޅު ދަނޑު އިރުމަތީ ކަންމަތިން ފެށިގެން އާރޓިފިޝަލް ބީޗާ ދެމެދު އޮތް ސަރަޙައްދެވެ. މަޖީދީމަގުގެ މަރާމާތުކުރުމުގެ މަސައްކަތް މުޅިން ނިންމައި ނޮވެމްބަރު މަހު މަގު އެއްކޮށް ބޭނުންކުރުމަށް ހުޅުވާލާނެކަމަށް ހައުސިނގ މިނިސްޓަރ ވިދާޅުވިއެވެ. 

މަޖީދީ މަގުގެ ފަހު ސެގްމެންޓްގައި، ފެނާއި ނަރުދަމާގެ އިތުރު ލައިންތަކެއް އެޅުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށްވެސް ހައުސިނގ މިނިސްޓަރ ފާހަގަކުރެއްވިއެވެ.  މިނިސްޓަރ ވިދާޅުވީ މަސައްކަތް ފެށުން ލަސްވީ ހޯމް މިނިސްޓްރީގެ އެދުމުގެ މަތިން މިނިވަން ދުވަހާ ގުޅިގެން އަންނަ ބަންދު ދުވަސްތައް ނިމެންދެއްކަމަށެވެ. 

މަޖީދީމަގުގެ އިތުރުން މާލޭގެ އެހެނިހެން މަގުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް ހައުސިންގ މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން ގިނަ ޢަދަދަކަށް ހެވީ ވެހިކަލް ދަތުރުކުރާ ޢިއްޒުއްދީން މަގު ފުޅާކޮށް، ތާރުއެޅުމަށް ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. އަމީނީ މަގު ތާރުއެޅި ސަރަޙައްދާ ގުޅޭ ޢިއްޒުއްދީންމަގެ ޕޭވްމަންޓް ނަގައި މަގު ފުޅަކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. 

ވެސްޓް ޕާކު ސަރަޙައްދުފަދަ ބޮޑަށް ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް މިއަހަރު ކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އިތުރު މަގުތައް ހެދުމަށް ހިމަނާނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ހާމަކުރެއެވެ.