ޚަބަރު

މާލެ އަތޮޅުގައި ހިނގާ މަޝްރޫޢުތަކުގެ އަގު 3 ބިލިއަން ޑޮލަރަށް!!


މާލެ އަތޮޅުގައި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ އިޤްތިސާދީ މަޝްރޫއުތަކުގެ ޖުމްލަ އަގު 3 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ "ދިވެހި ރައްޔިތުން ރިޔާސީ ޚިޠާބުގެ އިންތިޒާރުގައި" މި ނަމުގައި ޕީއެސްއެމް ނިއުސްއިން ކުރިއަށް ގެންދިޔަ ޚާއްސަ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ދިވެހި ރައްޔިތުން ރިޔާސީ ޚިޠާބުގެ އިންތިޒާރުގައި" މި ނަމުގައި ޕީއެސްއެމް ނިއުސްއުން ކުރިއަށްގެންދިޔަ ޕްރޮގްރާމްއަކީ ދައުލަތުގެ ހަތަރު ވަޒީރަކާއި، ރާއްޖޭގެ ޔުނިވަރސިޓީތަކުގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުން ބައިވެރިވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ދަރިވަރުންނަށް ވަޒީރުންނާއި ސުވާލުކުރުމުގެ ފުރުސަތު ދީފައިވެއެވެ.

ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މާލެ ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ އިޤްތިސާދީ މަޝްރޫއުތަކުގެ ޖުމްލަ އަގު ތިން ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ފާއިތުވި ތިން އަހަރު ދުވަހުގެތެރޭގައި ކޮންމެ އަހަރަކު އެވްރެޖްކޮށް، ހަތް ރިސޯޓަށް ވުރެ ގިނައިން ރިސޯޓް ހުޅުވާފައިވާކަމަށާ، މިއީ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރެވުނު ކަމެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މިހާރުވެސް މާލެ ސަރަޙައްދުގައި ފަސް ފަޅެއް ހިއްކައިގެން ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.  

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫޢަކީ މުހިންމު މަޝްރޫއެއްކަމަށެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ ރައީސް ޔާމީންގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިވެހި ރާއްޖޭގެ ޒުވާނުންނަށް އޮތް ފުރުސަތުތައް އިތުރުކޮށް ދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަން ޒަމީރު ފާހަގަކުރެއްވިއެވެ. އެގޮތުން ހުޅުމާލެ ޔޫތު ސިޓީއާއެކު ޒުވާނުންނަށް ގިނަ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.